Last Updated: June 16, 13:50
Monday, June 16, 2025
ޚަބަރު

ގާޒާގެ ސިއްޙީ ނިޒާމަށް ދޭ ޙަމަލާތައް ހުއްޓާލަން ގޮވާލައިފި

ޣައްޒާގެ ޞިއްޙީ ޚިދުމަތް ދޭ ތަންތަނާއި ޞިއްޙީ އެހީތެރިންނަށް އަމާޒުކޮށް އިޒްރޭލުން ދެމުންދާ ލާއިންސާނީ ޙަމަލާތައް ވަގުތުން ހުއްޓާލުމަށް ރާއްޖެއިން ގޮވާލައިފި އެވެ.

ސްވިޓްޒަލޭންޑްގައި ކުރިއަށްދާ 78 ވަނަ "ވޯލްޑް ހެލްތު އެސެމްބްލީ" ގައި ފަލަސްތީނާއި ގުޅޭ އިންޓަވެންޝަންގައި ރާއްޖޭގެ ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޛިމް އިބްރާހީމް ވަނީ ގާޒާގެ ރައްޔިތުންނަށް ބައިނަލްއަޤުވާމީ ޤާނޫނުތަކުން ލިބިދޭ ޙިމާޔަތާއި ރައްކާތެރިކަން ގާޒާ ގެ ރައްޔިތުންނަށް ކަށަވަރުވަމުން ނުދާކަމަށާއި އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

އެގޮތުން ގާޒާގެ ޞިއްޙީ ނިޒާމު ސުންނާފަތިކޮށްލައި، އެތައް ހާސްބައެއްގެ ގެދޮރު ނެތިކޮށްލައި، ޞިއްޙީ ފަރުވާދޭ ތަންތަނަށާއި، ޞިއްޙީ އެހީތެރިންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކާއި، އިންސާނީ އެހީ ފޯރުކޮށް ދިނުމަށް އަޅަމުންދާ ހުރަސްތަކާ މެދު ރާއްޖެއިން ކަންބޮޑުވާ ކަމަށް ވިދާޅުވި އެވެ. އަދި މިކަންކަމުގެ ނަތީޖާއެއްގެ ގޮތުން ދިރިހުރުމަށް ބޭނުންވާ އެންމެ އަސާސީ ހައްގުތަކުން ޣައްޒާގެ ރައްޔިތުން މަހުރޫމްވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އިސްރާއީލުން ޣައްޒާގެ ނަސްލު ނައްތާލުމަށް ދެމުންދާ ޙަމަލާތައް ރާއްޖެއިން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފައިވެ އެވެ. އަދި ވަގުތުން ވަގުތަށް އިންސާނީ އެހީ ފޯރުކޮށް ދެވޭނެ މަގުފަހިކޮށް، ކާބޯތަކެއްޗާއި ތެލާއި، މެޑިކަލް ސަޕްލައި އެތެރެ ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ގޮވާލާފައިވެ އެވެ. އޭގެތެރޭގައި ނަފުސާނީ އެހީތެރިކަމާއި، ކުޑަކުދިންގެ ޞިއްޙަތާއި ގުޅުން ހުރި މުހިންމު ކަންކަމާއި، ބަލިތަކުން ރައްކާތެރިވުމަށް ވެކްސިން ދެވޭނެ މަގުފަހިކުރުން ވެސް މިނިސްޓަރު ގޮވާލެއްވި އެވެ.

މިނިސްޓަރުގެ ތަޤްރީރުގައި ޣައްޒާއަށް ދެމުންދާ ޙަމަލާތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަޤުވާމީ ޖަމްޢިއްޔާތަކާއި އދ. ގެ މެމްބަރު ޤައުމުތަކަށް ގޮވާލައްވާފައިވެ އެވެ. އަދި ކޮންމެ ޤައުމަކަށް އަދި ކޮންމެ ނަސްލަކަށް ނިސްބަތް ވިޔަސްއިންސާނީ ޙައްގުތައް ކަށަވަރުވާން ޖެހޭ ކަމަށާއި ރާއްޖެއިން މި މައްސަލައިގައި ސާބިތުކަމާއެކު ކުރެވެން އޮތް ހުރިހާ ކަމެއް ކުރުމުގައި ދެމި ތިބޭނެކަމުގެ ޔަގީންކަންވެސް މިނިސްޓަރު ނާޒިމު ދެއްވި އެވެ.