Last Updated: June 11, 06:23
Thursday, June 11, 2026
މުނިފޫހިފިލުވުން

ކަލާމްގެ ވާހަކަ ފީޗާ ފިލްމަކުން ކިޔައި ދެނީ

އިންޑިއާގެ ކުރީގެ ސައިންޓިސްޓް އަދި ރައީސް އޭޕީޖޭ އަބްދުލް ކަލާމްގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާއެއް ހަދަން ނިންމައިފި އެވެ.

މި ފިލްމު އިއުލާންކޮށްފައި ވަނީ ފްރާންސްގައި މިހާރު ކުރިއަށްދާ މި އަހަރުގެ ކާންސް ފިލްމު ފެސްޓިވަލްގައި އިއްޔެ އެވެ. "ކަލާމް: ދަ މިސައިލް މޭން އޮފް އިންޑިއާ" ގެ ނަން ދީފައިވާ ފިިލްމުގައި ކަލާމްގެ ރޯލު ކުޅޭނީ ނެޝަނަލް އެވޯޑް ހާސިލުކޮށްފައިވާ މަޝްހޫރު ތެލެގޫ އެކްޓަރު ދަނޫޝް އެވެ.

އޭނަ އެކީ ބޮލީވުޑްގެ ފިލްމުތައް ކަމަށްވާ "ރާންޖަނާ" އާއި "ޝަމީތާބް" އަދި "އަތުރަންގީ ރޭ" ފަދަ ފިލްމުތަކުގެ ވެސް ބަތަލެވެ. ދަނޫޝް މިހާރު އަންނަނީ ބަތަލާ ކްރިތީ ސެނަންއާ އެކު ޑައިރެކްޓަރު އާނަންދު އެލް ރާއީގެ "ތެރެ އިޝްގް މޭ" ގެ މަސައްކަތް ކުރަމުންނެވެ.

ކާންސްގައި ފަސްޓްލުކް ޕޯސްޓަރު ވެސް ދައްކައިލި "ކަލާމް" ޕްރޮޑިއުސް ކުރަނީ ބުޝަން ކުމާރުގެ ޓީ ސީރީޒުންނެވެ. އަދި މީގެ ޑައިރެކްޓަރަކީ އަޖޭ ދޭވްގަންގެ "ތާނާޖީ: ދި އަންސަން ވޮރިއާ" އާއި ޕްރަބާސްގެ "އާދިޕުރުޝް" ގެނެސްދިން އޯމް ރައުތެވެ.

"ކަލާމް" ގެ ބައޯޕިކްގެ ސްކްރީންޕްލޭ ލިޔެފައި ވަނީ އަޖޭގެ "މައިދާން" އާއި ސޯނަމް ކަޕޫރްގެ "ނީރްޖާ" ގެ އިތުރުން ޖޯން އަބްރަަހަމްގެ "ޕަރްމަނޫ: ދަ ސްޓޯރީ އޮފް ޕޮކްރާން" ގެ ސްކްރީން ރައިޓަރު ސައިވީން ގުދްރާސް އެވެ.

"ކަލާމް" ގެ ފިލްމު އިއުލާންކުރި ނަމަވެސް ބެލުންތެރިންނަށް ފިލްމު ގެނެސްދޭނެ އިރެއް އަދި ހާމައެެއް ނުކުރެ އެވެ.

އިންޑިއާގެ އެންމެ ވަރުގަދަ ޝަހުސިއްޔަތުންގެ ތެރޭގައ ހިމެނޭ ކަލާމަކީ އިންޑިއާގެ 11 ވަނަ ރައީސެވެ. އޭނަ އެ ގައުމުގެ ރައީސްކަން ކުރެއްވީ 2002-2007 އަށެވެ. އުމުރުން 83 އަހަރުގައި ކަލާމް އަވަހާރަވީ 2015 ގަ އެވެ.