އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ދަރިވަރުންނަށް ދޭ ދެ އެވޯޑަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ހުޅުވާލައިފި އެވެ.
އެ ދެ އެވޯޑަކީ "ބެސްޓް ހިއުމަން ރައިޓްސް ކްލަބް 2024-2025" އެވޯޑް އާއި "ޔަންގް ހިއުމަން ރައިޓްސް އެޑްވޮކޭޓް 2024-2025" އެވޯޑެވެ.
މިއީ ހިއުމަން ރައިޓްސް ކްލަބްތަކުންނާއި އެ ކްލަބްތަކުގެ ދަރިވަރުން ކުރާ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ދޭން ހަމަޖެހިފައިވާ އެވޯޑްތަކެކެވެ.
މި ދެ އެވޯޑް ދެވޭނީ ކޮންމެ ދިރާސީ އަހަރެއްގެ އެވޯޑަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ހާސިލުކޮށްފައިވާ އެންމެ ހަރަކާތްތެރި ހިއުމަން ރައިޓްސް ކްލަބަކަށާއި ހިއުމަން ރައިޓްސް ކްލަބްގެ ދަރިވަރަކަށް ކަމަށް އެ އެޗްއާރްސީމުން ބުންޏެވެ.
އެވޯޑްތަކުގެ މައިގަނޑު މަގުސަދަކީ އިންސާނީ ޙައްޤުތަކަށް ސްކޫލްތަކުގެ ދަރިވަރުން އަޙުލުވެރިކުރުވައި، މުސްތަގުބަލުގައި ހިއުމަން ރައިޓްސް ޑިފެންޑަރުންގެ ގޮތުގައި މަސައްކަތްކުރާނެ ދަރިވަރުންތަކެއް އުފެއްދުމަށް ބާރުއެޅުމެވެ.
އެވޯޑްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 19 އާ ހަމައަށެވެ.
އެވޯޑް ފޯމް އެޗްއާރްސީއެމްގެ ވެބްސައިޓުން ލިބޭނެ އެވެ.