ސޮނީ ޓީވީ އަށް އަމީތާބް ބައްޗަން ހޯސްޓްކޮސް ދެމުން އައި މަޝްހޫރު ޝޯ، ކޯން ބަނޭގާ ކަރޯޑްޕަރީ ކޭބީސީ) އޭނަ ދޫކޮށްލަން ނިންމާފައިވާތީ އެ ޝޯގެ ހޯސްޓަކަށް ސަލްމާން ޚާން ގެންނަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ބުނީ ސޮނީގެ ޓީމުން މިހާރު ސަލްމާނާ އެކީ މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ. އަދި އޭނަ "ކޭބީސީ" އަށް އެއްބަސްވާނެ ކަމަށް ބެލެވޭ ކަމަށާއި ވަރަށް އަވަހަށް ސޮނީން ރަސްމީކޮށް އެކަން އިއުލާން ކުރާނެ ކަމަށް މީޑިއާތަކުން ބުންޏެވެ.
ސަލްމާނަކީ ކަލާސް ޓީވީން ގެނެސްދޭ މަޝްހޫރު ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ ހޯސްޓް ވެސް މެ އެވެ. އެ ޝޯ އޭނަ ހޯސްޓްކުރަމުން އަންނަތާ ގިނަ އަހަރުތަކެއްވެފައިވާ އިރު، އެންމެ ފަހުން މި އަހަރުގެ ޖެނުއަރީގައި ނިންމައިލީ އޭގެ 18 ވަނަ ސީޒަނެވެ.
ސަލްމާން މީގެ އަހަރުތަކެއް ކުރިން ސޮނީ ޓީވީ "ދަސް ކާ ދަމް" ކިޔާ ޝޯއެއް ވެސް ހޯސްޓްކޮށްފައިވެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ނިންމައިލީ "ކޭބީސީ" ގެ ސީޒަން 16 އަށް ފަހު، އަމީތާބް ޝޯ ދޫކޮށްލަން ނިންމީ އަމިއްލަ ސަބަބުތަކާ ހެދި އެވެ.
މި ޝޯގެ އާ ހޯސްޓަކަށް ސަލްމާން ގެންނަން މަސައްކަތްކުރަމުން އަންނަ އިރު، "ކޭބީސީ" ގެ ސީޒަންތަކެއްއް މީގެ އަހަރުތަކެއް ކުރިން ސްޓާ ޕްލަސް އިން ޝާހްރުކް ޚާނާ އެކު ވެސް ގެނެސްދީފައިވެ އެވެ.
ސޮނީ ޓީވީން "ކޭބިސީ" ގެނެސްދޭން ފެށީ 2000 ވަނަ އަހަރުން ފެށިގެންނެވެ. މި ޝޯ އަކީ "ހޫ ވޯންޓްސް ޓު ބީ އަ ބިލިއަނާ؟" ގެ ހިންދީ ވާޝަނެވެ.