އައްޑޫ ހިތަދޫގެ ބައެއް ފްލެޓްތަކުގެ ބެލްކަނިތަކުގެ ރެއިލިންތަކުގައި ވަރަށް ބޮޑަށް ދަބަރު ޖަހައިގެން މީގެ ދެ އަހަރުން ރެއިލިން ބަދަލުކޮށްފައި ވަނިކޮށް އަނެއްކާ ވެސް ދަބަރު ޖަހަން ފަށާފައިވާތީ ފްލެޓްތަކުގައި އުޅޭ މީހުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެޗވެ.
ރެއިލިންތައް ބަދަލުކުރީ 2023 ގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އައްޑޫ ސިޓީ ކައުންސިލުން ހަވާލުކޮށްގެން އެ މަސައްކަތްކުރީ އެމްޓީސީސީންނެވެ. އޭރު ބުނެފައި ވަނީ އަލަށް ޖެހީ ދަބަރު ނުޖަހާ ވައްތަރުގެ ރެއިލިން ކަމަށެވެ. ނަމަވެސް މިހާރު ރެއިންތަކުގައި ވަރަށް ބޮޑަށް ދަބަރު ޖަހަން ފަށާފައިވާ ކަމަށް ބުނެ ބައެއް މީހުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މި މައްސަލަ އެންމެ ބޮޑަށް ދިމާވަނީ ފްލެޓްތައް އަޅާފައިވާ ސަރަހައްދުން އަތިރިމައްޗަށް އެންމެ ކައިރި އަށް ވާ ގޮތަށް ހުރި ފްލެޓްތަކަށެވެ. ރެއިލިންތަކުގައި ދަބަރު ޖަހަނީ ލޮނުގެ އަސަރުކޮށްގެންނެވެ.
އައްޑޫ ސިޓީ ކައުންސިލް އިދާރާ ވެސް ހުންނަ މަހުގެ އުތުރު ފަރާތް ސަރަހައްދުގައި 264 ފްލެޓް އެޅީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ.
ފްލެޓްތަކުގެ ރެއިންލިންތަކުގައި ދަބަރު ޖަހާތީ ޝަކުވާ ބޮޑުވެފައިވާ އިރު، ކުރީގެ ރެއިލިންތައް ބަދަލުކުރީ އެ ޝަކުވާ ފްލެޓްތަކުގައި އުޅޭ މީހުން ކުރަމުންދާތާ ވަރަށް ގިނަ ދުވަސްތަކެއް ފަހުންނެވެ. އޭރު ބައެއް ފްލެޓްތަކުގެ ބެލްކަނިތަކުގެ ރެއިލިން އެއްކޮށް ދަބަރަށްވެ، "ގިރައިގެން" ފައިބާފައިވެ އެވެ.
ފްލެޓްތަކުގައި އުޅޭ މީހުން އެތަންތަނުގެ މަހު ކުއްޔަށް 3،000ރ. ދައްކާ އިރު، މެއިންޓަނަންސަށް މަހަކު 550ރ. ނަގަ އެވެ. ނަމަވެސް ފްލެޓްތަކުގައި މެއިޓަނަންސް މަސައްކަަތްތައް އެކަށީގެންވާ ގޮތަށް ނުކުރާކަމުގެ ޝަކުވާތައް ވަރަށް ބޮޑެވެ.