ކުޅިވަރަށް ހާއްސަ އުފެއްދުންތަކަށް މަޝްހޫރު އެމެރިކާގެ ބްރޭންޑް، ނައިކީގެ ބައެއް އުފެއްދުންތަކުގެ އަގު ބޮޑުކުރަން ނިންމައިފި އެވެ.
އެ ކުންފުނިން އަގަށް ބަދަލުތަކެއް ގެންނަން ނިންމާފައި ވަނީ އަންނަ މަހުގެ 1 އިން ފެށިގެންނެވެ.
މިއީ އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން، ޓެރިފްތަކެއް ގެނައި ބޮޑު ބަދަލާ ގުޅިގެން ނިންމި ނިންމުމެއް ނަމަވެސް ނައިކީން ސީދާކޮށް، އަގަށް ގެންނަ ބަދަލާއި ޓެރިފާ ގުޅުވައިފައެއް ނުވެ އެވެ. އެ ކުންފުނިން ބުނީ މިއީ "ސީޒަނަލް ބަދަލެއް" ކަމަށެވެ.
ނައިކީން ބައެއް އުފެއްދުންތަކުގެ އަގު ބޮޑުކުރަން ނިންމި އިރު، 100 ޑޮލަރަށް ވުރެ އަގުހެޔޮ އުފެއްދުންތަކާއި 'އެއާ ފޯސް 1' ބޫޓާއި ކުޑަކުދިންގެ އުފެއްދުންތަކާއި ކުންފުނީގެ 'ޖޯޑަން' ބްރޭންޑްގެ އުފެއްދުންތަކުގެ އަގު ބޮޑު ނުކުރާނެ އެވެ.
ނައިކީން ބުނި ގޮތުގައި ކުންފުނީގެ އުފެއްދުންތައް އެމެރިކާގައި ދެން ސީދާކޮށް ވިއްކާނީ މަޝްހޫރު އޮންލައިން ވިޔަފާރި، އެމެޒޯން މެދުވެރިކޮށް ކަމަށެވެ. މިއީ 2019 ގެ ފަހުން މިފަދަ ބަދަލެއް ގެންނަން ނިންމި ފުރަތަމަ ފަހަރެވެ.
ނައިކީގެ ބައެއް އުފެއްދުންތަކުގެ އަގު ބޮޑުކުރަން ނިންމި އިރު، ވާދަވެރި ކުންފުންޏެއް ކަމަށްވާ އެޑިޑާސް އިން ވެސް މިދިޔަ މަހު ވަނީ އެ ކުންފުނީގެ އުފެއްދުންތަކުގެ އަގުތަކަށް ވެސް ބޮޑުކޮށްފަ އެވެ.