Last Updated: June 8, 07:06
Monday, June 8, 2026
ޚަބަރު

ދަރަންޏެއް ދައްކަން ރާއީގެ މައްޗަށް ހުކުމެއް

އަމިއްލަ ކުންފުންޏަކަށް 180،000ރ. ދައްކަން މަކުނުދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުހައްމަދު ރާއީގެ މައްޗަށް ހުކުމެއްކޮށްފި އެވެ.

ސިވިލް ކޯޓުން އެ ހުކުމުގައިވާ ގޮތުން އެޕްރީލް 25، 2022 ގައި ޗެކެއް ގެރެންޓީއެއްގެ ގޮތުގައި ބޭއްވުމަށް ފަހު އޭރީސް އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކުން 180،000ރ. ނަގާފައިވެ އެވެ. އަދި އޭނަ ދިން ޗެކަކީ ޑައިރެކްޓް ލޮޖިސްޓިކަލް ސާވިސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏެއްގެ އެކައުންޓުން ފައިސާ ނެގޭ ގޮތަށް ދިން ޗެކެކެވެ.

ނަމަވެސް އޭރީސް އެންޓަޕްރައިސަސް އިން ބުނެފައިވާ ގޮތުގައި ދައްކަން އެެއްބަސްވި ތާރީހުގައި އެ ފައިސާ އަނބުރާ ނުދެއްކުމުން ކުންފުނިން ފެބްރުއަރީ 7، 2023 ގައި ފައިސާ ނަގަން ބޭންކް އޮފް ސިލޯނަށް ދިއުމުން، ރާއީ ދިން ޗެކް ރިޓާންވެ ކެންސަލްވެފައިވެ އެވެ.

އެހެންވެ އެ މައްސަލއައިގައި ފައިސާ ހޯދުމަށް އެކުންފުނީގެ ފަރާތުން ރާއީގެ މައްޗަށް ސިވިލް ކޯޓުގައި ކުރި ދައުވާއާ ގުޅިގެން ހުކުމްކުރީ އިއްޔެ އެވެ.

އެގޮތުން 180،000ރ. އަކީ އޭނަ ދައްކަން ޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅައި، އެއްފަހަރާ އޭރީސް އަށް ފައިސާ ދެއްކުމަށް ހުކުމްކޮށްފައިވެ އެވެ. ފައިސާ ކޯޓަށް ދައްކައި ހަލާސް ކުރަން ޖެހެނީ އަންނަ މަހުގެ 2 ގެ މެންދުރު ފަހު 2:00 ގެ ކުރިންނެވެ.