ޕްރަބާސް ބަތަލުގެ ރޯލު ކުޅެން ހަމަޖެހިފައިވާ ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާގެ ފިލްމު "ސްޕިރިޓް" ގެ ބަތަލާއަކަށް ދީޕިކާ ޕަދްކޯން ގެނެވޭ ގޮތް ނުވި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ބުނީ މައްސަލައަކަށްވީ ފިލްމުން 20 ކްރޯޑް ރުޕީސް (2.3 މިލިއަން ޑޮލަރު) ޑިމާންޑް ކުރުމުގެ އިތުރަށް، ފިލްމު ސިނަމާތަކުގައި ދައްކައިގެން ލިބޭ ފައިދާ އިން ބައި އަޅަން ދީޕިކާ އެދިފައިވާތީ އެކަމަށް ފިލްމުގެ ޓީމަށް އެއްބަސްވުމަކަށް ނާދެވުމުން ކަމަށެވެ.
އެހެންވެ އޭނަގެ ބަދަލުގައި ތަންކޮޅެއް އަގު ދަށް ބަތަލާ އަކު "ސްޕިރިޓް" އަށް ހޯދަން މިހާރު ނިންމާފައިވާ ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ. ދީޕިކާގެ ޑިމާންޑަށް ފިލްމުގެ ޓީމަށް އެއްބަސްނުވެވުނު އިރު، އޭނަ އަކީ މި ވަގުތު ބޮލީވުޑްގެ އެންމެ އަގުބޮޑު ބަތަލާ އެވެ.
މަޝްހޫރު އެކްޓަރު ރަންވީރު ސިންގްއާ ކައިވެނިކޮށް މިހާރު ދަރިޔަކު ވެސް އޮތް ދީޕިކާ އަށް "ސްޕިރިިޓް" ހުށަހެޅި އިރު، މި ފިލްމުގެ ބަތަލު ޕްރަބާސްއާ އެކު އޭނަ އެހެން ފިލްމެއްގައު ވެސް މަސައްކަތްކޮށްފައިވެ އެވެ. އެއީ މިދިޔަ އަހަރު ތެލެގޫ ޑައިރެކްޓަރު ނާގް އަޝްވިން ގެނެސްދިން "ކަލްކީ: 2898" އެވެ.
މި އަހަރުގެ އޮކްޓޯބަރުގައި ޝޫޓިން ފަށަން ޕްލޭންކޮށްފައިވާ "ސްޕިރިޓް" އަކީ ބުޝަން ކުމާރުގެ ޓީ ސީރީޒުން ޕްރޮޑިއުސްކުރާ ފިލްމެކެވެ. މިއީ އެ ސްޓޫޑިއޯ އަށް ސަންދީޕް 2023 ގައި ރަންބީރް ކަޕޫރާ އެކު ގެނެސްދިން ކާމިޔާބު ފިލްމު "އެނިމަލް" އަށް ފަހު ހަދާ ފުރަތަމަ ފިލްމެވެ.
ދީޕިކާ އަށް "ސްޕިރިޓް" ދޫކޮށްލަން ޖެހުނު އިރު، ރިޕޯޓްތައް ބުނާ ގޮތުން އިއްޔެ ޝޫޓިން ފެށި ޝާހްރުކް ޚާންގެ "ކިންގް" ގެ ކާސްޓްގައި އޭނަ ހިމެނެ އެވެ.