Last Updated: June 16, 13:50
Monday, June 16, 2025
ޚަބަރު

އެޑްވާންސަކާ ހެދި އާސަންދަ އަށް 40 މިލިއަންގެ ގެއްލުމެއް

ހަ ބުރީގެ ހޮސްޕިޓަލެއް އިމާރާތް ކުރަން އެޑްވާންސް ފައިސާގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހަމީދުގެ ކުންފުންޏަށް އެޑްވާންސް ދޫކުރި ފައިސާގެ ސަބަބުން އާސަންދަ ކުންފުންޏަށް 40 މިލިއަން ރުފިޔާގެ ގެއްލުމެއްވެއްޖެ އެވެ.

އެ މަޝްރޫއު ހަމީދުގެ ކުންފުނި، ނޯތު ކޯސްޓް ކޮންސްޓްރަކްޝަނާ 61 މިލިއަން ރުފިޔާ އަށް ރުފިޔާ އަށް އެންމެ ފުރަތަމަ ހަވާލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. ނަމަވެސް ފަހުން އެ ޕްރޮޖެކްޓް މަޑު ޖައްސައިލި އިރު، ގެއްލުމުގެ ބަދަލެއްގެ ގޮތުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިތުރު 44 މިލިއަން ރުފިޔާ ހަމީދުގެ ކުންފުންޏަށް ދީފައިވެ އެވެ.

އެ ފައިސާ ދީފައި ވަނީ ޖެނުއަރީ 25، 2023 ގަ އެވެ. އަދު އޭގެ ދެ މަސް ފަހުން އޭޕްރީލް 3 ގައި ހަމީދު ވަނީ އޭނަ ކުރިން ހުންނެވި ޖުމްހޫރީ ޕާޓީ ދޫކުރައްވައި އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.

އެ ބަދަލާއެކު އަލުން ހަމީދުގެ ކުންފުންޏާ އެ ޕްރޮޖެކްޓު ހަވާލުރީ ހުޅުމާލޭގައި 10 ބުރީ އިމާރާތުގެ ހޮސްޕިޓަލެއް އަޅާ ގޮތަށެވެ. އެ ޕްރޮޖެކްޓް ހަވާލުކުރީ މެއި 7، 2023 ގަ އެވެ. އެ ޕްރޮޖެކްޓްގެ ފައިނަލް ކުރެހުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެފްރޫވްކޮށް، އިމާރާތް އެޅުމަށްޓަކައި ބިން ނުރަސްމީކޮށް ހަވާލުކުރި ނަމަވެސް، އޭގެ މަސައްކަތް ކުރިއަށް ގެންގިސްފައެެއް ނުވެ އެވެ.

އެހެންވެ އެ މައްސަލަ މިދިޔަ އަހަރު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބަލާފައިވެ އެވެ. އަދި މައްސަލައިގެ ޖިނާއީ ތަހުގީގު އަވަސް ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިދިޔަ ޑިސެމްބަރު މަހު ފުލުހުންނަށް ވެސް އެންގި އެވެ.