ޗައިނާ އިން ރާއްޖެ އަށް ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު ހަދިޔާކޮށްފި އެވެ.
ހެންވޭރު ބޯޅަ ގޭގައި އޮތް މިއަދު ހާއްސަ ރަސްމިއްޔާތެއްގައި ސާމާނާ ސަރުކާރުގެ ފަރާތުން ހަވާލުވެވަޑައިގަތީ ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢުއެވެ. ޗައިނާގެ ފަރާތުން ސާމާނު ހަވާލުކޮށް ދެއްވީ ޗައިނާއިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮން ޝިންހުއާ އެވެ.
ޗައިނާ އިން ހަދިޔާކުރި ކުޅިވަރު ސާމާނުގެ ތެރޭގައި ހިމެނެނީ 400 ފުޓްބޯޅަ އާއި އެތުލެޓިކްސްގައި ބޭނުންކުރާ 60 ސްޓާޓިން ބްލޮކާއި 60 ހާޑަލްސްގެ އިތުރުން 1،500 ޓޭބަލް ޓެނިސް ބޯޅަ އާއި 300 ރެކެޓާއި، 60 ޓީޓީ މޭޒުގެ އިތުރުން ސްކޯ ބޯޑުތަކާއި ޖަޖުންގެ ގޮނޑިތަކެވެ.
ޗައިނާ އަކީ ކުޅިވަރުގެ ދާއިރާއިން ދިވެހިރާއްޖެއަށް ގިނަ އެހީތަކެއްވަމުން އަންނަ ގައުމެކެވެ. އެގޮތުން ކުޅިވަރު ސާމާނު ހަދިޔާކުރުމާއި، ދިވެހި އެތުލީޓުންނާއި ޓީމްތަކަށް ތަމްރީން ހެދުމުގެ ގިނަ ފުރުސަތުތަކެއް މީގެ ކުރިން ވެސް އެ ގައުމުން ފަހިކޮށް ދީފައިވެ އެވެ.