Last Updated: June 17, 18:14
Tuesday, June 17, 2025
ޚަބަރު

ރައުދު ބަންދުން ދޫކޮށްލައިފި

ރައުދު

ހ. ފެންޓެނޯއީގޭގެ ނުވަވަނަ ފްލޯގެ ކުޑަދޮރަކުން މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ގ. ރަނައުރާގެއާގެ، ހައްވާ ޔުމްނު ރަޝީދު (21 އ) ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބުނު މައްސަލައިގައި ހައްޔަރުކޮށްފައިވާ ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް (21 އ) ބަންދުން ދޫކޮށްލައިފި އެވެ.

ރައުދުގެ ބަންދު ހަތަރު ފަހަރަށް ވަނީ އިތުރުކޮށްފަ އެވެ. ފުރަތަމަ ފަހަރު ފަސް ދުވަހަށް، ދެވަނަ ފަހަރު 10 ދުވަހަށް އަދި ތިންވަނަ ފަހަރަށް އޭނާގެ ބަންދަށް ކޯޓުން ދިނީ ފަސް ދުވަހެވެ. އަދި މީގެ ދުވަސްކޮޅެއް ކުރިން ރައުދުގެ ބަންދަށް ވަނީ 20 ދުވަސް ޖަހައިފަ އެވެ.

ރައުދު ބަންދުން ދޫކޮށްލާފައި ވަނީ އޭނާގެ ބަންދަށް އެންމެ ފަހުން ޖެހި 20 ދުވަސް ހަމަނުވަނީހެވެ. ރައުދު ބަންދުން ދޫކޮށްލި ސަބަބެއް ފުލުހުން އަދި ނުބުނެ އެވެ.

ފުލުހުން އެދިގެން، ރައުދުގެ ކްރިމިނަލް ކޯޓުގެ ބަންދު އަމުރުތައް ވަނީ ސިއްރުކޮށްފަ އެވެ. އެހެންވެ އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް މިހާތަނަށް ސާފުވެފައި ނުވެ އެވެ.

ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން މެލޭޝިއާގައި އޭނާ ފަރުވާ ހޯދަމުން އަންނައިރު، ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ނަމަވެސް މިކަން ޔުމްނުގެ އާއިލާ އިން ދޮގުކުރެ އެވެ.