މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ފަތިހު ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާގެ ތަހުގީގުގެ ބޭނުމަށް އޭނާ އާއިލާގެ ފަރާތުން އެއްބާރުލުން ނުދޭތީ ޔުމްނުގެ ބަޔާން މެލޭޝިއާ ފުލުހުންނާ ގުޅިގެން ނެގުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މި ހާދިސާގައި ލިބުނު އަނިޔާތަކާއި ގުޅިގެން ޔުމްނު އަންނަނީ މެލޭޝިއާގައި އިތުރު ފަރުވާ ހޯދަމުންނެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ޔުމްނު ފަރުވާއަށް މެލޭޝިއާއަށް ގެންދިޔަ ދުވަހުން ފެށިގެން ދިވެހި ދެ ފުލުހުން މެލޭޝިއާގައި ހަރަކާތްތެރި ވަމުން އަންނަ ކަމަށާއި އޭގެ ތެރެއިން އެއް ފުލުހަކީ މެޑިކަލް ޑޮކްޓަރެއް ކަމަށެވެ.
ނަމަވެސް މިއަދާ ހަމައަށް، ތަކުރާރުކޮށް މުއާމަލާތުކުރަން މަސައްކަތް ކުރަމުން ގެންދިޔަ ނަމަވެސް، ޔުމްނުގެ އާއިލާގެ ފަރާތުން ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ލިބިފައި ނުވާކަމަށް ފުލުހުން ބުންޏެވެ. އަދި، ޔުމްނުގެ ސިއްހީ ހާލަތާ ގުޅޭގޮތުން ވެސް ފުލުހުންނާ އެއްވެސް މައުލޫމާތެއް މިހާތަނަށް ހިއްސާކޮށްފައި ނުވާއިރު، މެލޭޝިއާގައި އޭނާއަށް ފަރުވާ ދެމުން ދިޔަ ހޮސްޕިޓަލް ބަދަލުކުރި އިރުވެސް ފުލުހުންނާ އެ މައުލޫމާތު ހިއްސާކޮށްފައި ނުވާ ކަމަށް ބުންޏެވެ.
ފުލުހުން ބުނީ ތަހުގީގު ޓީމުން މިއަދާ ހަމައަށްވެސް މަސައްކަތް ކުރަމުން ދިޔައީ އާއިލާގެ ފަރާތުން އެއްބާރުލުން ލިބޭނެ ކަމުގެ އުންމީދުގައި ކަމަށެވެ. ނަމަވެސް، އެއްބާރުލުން ލިބިފައި ނުވާތީ މެލޭޝިއާގެ ގާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން، ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމަށްޓަކައި މެލޭޝިއާ ފުލުހުންނާ ގުޅިގެން މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ.
މި ހާދިސާއާ ގުޅިގެން އެރޭ ޔުމްނުއާއެކު އުޅުނު ރައުދު އަހުމަދު ޒިލާލު މިއަދު ވަނީ ބަންދުން ދޫކޮށްލާފަ އެވެ. އޭނާ ބަންދުން ދޫކޮށްލި ސަބަބެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.