ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މ. އަތޮޅުގެ 7 ރަށެއްގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ހިދުމަތް ފަށައި، އެ އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކޮށްފި އެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، މ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ފަށައި، ރާއްޖޭގެ ކޮންމެ ރަށަކުން ވެސް ފަސޭހައިން އަސާސީ ބޭންކިން ހިދުމަތެއް ލިބޭނެ ނިޒާމެއް ގާއިމުކުރުމަށް އެ ބޭންކުން ކަނޑައަޅާފައިވާ ލަނޑުދަނޑިއާ އިތުރަށް ގާތަށް ޖެހިލެވުމަކީ ލިބޭ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ.
އަދި ރައްޔިތުން ބޭންކިން ނިޒާމުގެ ތެރެއަށް ވެއްދުމުގައި އޭޓީއެމްތަކުން މުހިންމު ދައުރެއް އަދާކުރާ ކަމަށާއި ބޭންކުގެ ވިއުގަ ފުޅާކުރުމަށް މަސައްކަތް ކުރަމުންދާއިރު ޑިޖިޓަލް ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ވެސް މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ޝަރީފް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ގްލޯބަލް ކާޑު ނެޓްވޯކް އަދި ޕޭމަންޓް ހައްލުތައް ފޯރުކޮށްދޭ ފަރާތްތަކާ ގުޅިގެން ފަސޭހަ އަދި ރައްކާތެރި ބޭންކިން އަދި ޕޭމަންޓް ހިިދުމަތް ފޯރުކޮށްދީ، ކަސްޓަމަރުން ހިދުމަތް ހޯދުމުގައި އިތުރުވަމުންދާ އެކި ބޭނުންތައް ފުއްދުމަށް އީޖާދީ ގޮތްތަކެއް ހޯދަމުންދާނަން،" ޝަރީފް ވިދާޅުވި އެވެ.
ޝަރީފް އިތުރަށް ވިދާޅުވީ، އަތޮޅުތެރޭގައި ބަހައްޓާފައިވާ އޭޓީއެމްތައް މެދުވެރިކޮށް މިއަހަރުގެ މިހާތަނަށް އެއް މިލިއަނަށްވުރެ ގިނަ މުއާމަލާތް ހިންގާފައިވާ ކަމަށާއި މި މުއްދަތުގައި އޭޓީއެމް މެދުވެރިކޮށް ބޭންކަށް 1.45 ބިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށެވެ. މި އަދަދުތަކުން މިއީ ކަސްޓަމަރުންނަށް ކިހާ މުހިންމު ހިދުމަތެއްކަން ހާމަވާ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގައަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 121 ސެލްފް ސާވިސް ބޭންކިން ސެންޓަރު، 179 އޭޓީއެމް، އޭޖެންޓު ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.