Last Updated: May 25, 22:34
Sunday, May 25, 2025
ޚަބަރު

ރައުދު އަނެއްކާ ވެސް ހައްޔަރުކޮށްފި

ހ. ފެންޓެނޯއީގޭގެ ނުވަވަނަ ފްލޯގެ ކުޑަދޮރަކުން މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ގ. ރަނައުރާގެއާގެ، ހައްވާ ޔުމްނު ރަޝީދު (21 އ) ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބުނު މައްސަލައިގައި ހައްޔަރުކޮށްފައިވާ ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް (21 އ) ބަންދުން ދޫކޮށްލުމަށްފަހު އަނެއްކާވެސް ހައްޔަރުކޮށްފި އެވެ.

ރައުދުގެ ބަންދު ހަތަރު ފަހަރަށް ވަނީ އިތުރުކޮށްފަ އެވެ. ފުރަތަމަ ފަހަރު ފަސް ދުވަހަށް، ދެވަނަ ފަހަރު 10 ދުވަހަށް އަދި ތިންވަނަ ފަހަރަށް އޭނާގެ ބަންދަށް ކޯޓުން ދިނީ ފަސް ދުވަހެވެ. އަދި މީގެ ދުވަސްކޮޅެއް ކުރިން ރައުދުގެ ބަންދަށް ވަނީ 20 ދުވަސް ޖަހައިފަ އެވެ.

ރައުދު މިއަދު ހެނދުނު ބަންދުން ދޫކޮށްލާފައި ވަނީ އޭނާގެ ބަންދަށް އެންމެ ފަހުން ޖެހި 20 ދުވަސް ހަމަނުވަނީހެވެ. ރައުދު ދޫކޮށްލީ ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތަކެއް ހުރުމުން ކަމަށް ފުލުހުން ބުނެ އެވެ.

ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ރައުދު އަނެއްކާވެސް ހައްޔަރުކޮށްފައިވާއިރު، އޭނާ ބަންދު ކުރަން ދަށު ކޯޓުން ނެރުނު އަމުރެއް އިސްތިއުނާފް ކުރުމުން އެ މައްސަލައިގެ އަޑުއެހުމެއް މިއަދު ހެނދުނު ތާވަލުކޮށްފައިވެ އެވެ. ނަމަވެސް ރައުދު ބަންދުން ދޫކޮށްލާފައިވާތީ އެ އެ މައްސަލަ ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ.

ފުލުހުން އެދިގެން، ރައުދުގެ ކްރިމިނަލް ކޯޓުގެ ބަންދު އަމުރުތައް ވަނީ ސިއްރުކޮށްފަ އެވެ. އެހެންވެ އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް މިހާތަނަށް ސާފުވެފައި ނުވެ އެވެ.

ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން މެލޭޝިއާގައި އޭނާ ފަރުވާ ހޯދަމުން އަންނައިރު، ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ނަމަވެސް މިކަން ޔުމްނުގެ އާއިލާ އިން ދޮގުކުރެ އެވެ.