Last Updated: May 25, 22:34
Sunday, May 25, 2025
ޚަބަރު

ރާއްޖޭގައި ކޮވިޑް ކޭސްތައް އިތުރުވާން ފަށައިފި

ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ސާމްޕަލް ނަގަނީ - ފޮޓޯ: ހެލްތު މިނިސްޓްރީ

ރާއްޖޭގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވާން ފަށާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނެފި އެވެ.

އެޗްޕީއޭ އިން ބުނީ ފާއިތުވި ހަފްތާތަކުގެ ތެރޭގައި ކޮވިޑް ކޭސްތައް ކޮންމެވެސް ވަރަކަށް އިތުރުވާން ފަށާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ކޮވިޑް ކޭސްތަކުގެ އިތުރުން އާންމުކޮށް މި ދުވަސްވަރު ފެންނަ އެހެނިހެން ބަލިތައް ކަމަށްވާ ޑެންގީ، ވައިރަލް ފީވާ އަދި އިންފްލުއެންޒާ ފަދަ ބަލިތައް ވެސް އިތުރުވާން ފަށާފައިވާ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.

އެޗްޕީއޭ އިން ވަނީ ބަލިތަކުން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފަ އެވެ.

ރާއްޖޭން ކޮވިޑް ފެނުމާއެކު މާލެ ސިޓީ ލޮކްޑައުންކޮށް 2020 ވަނަ އަހަރު ތެރޭ ބޮޑެތި ފިޔަވަޅުތަކެއް އަޅަމުން ދިޔަ އެވެ. އެކި ދުވަސްވަރު ކޮވިޑްގެ ކޭސްތައް އިންތިހާއަށް ގިނަވުމުން ވަރަށް ހަރުކަށި އުސޫލުތައް ވެސް ގެންގުޅުނެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ޑެންގީ ހުން ޖެހިގެން 127 ކޭސް ވަނީ ރިޕޯޓުކޮށްފަ އެވެ. ޑެންގީ ހުން އިތުރުވެފައިވަނީ ރ. އަތޮޅާއި، ކ. އަތޮޅާއި، އއ. އަތޮޅާއި މ. އަތޮޅުގެ އިތުރުން ދ. އަތޮޅުގަ އެވެ.

ޑެންގީ ހުމުގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ގައިގައި ރިއްސުން، ބޮލުގައި ރިއްސުން، ލޮލުގައި ރިއްސުން އަދި ހަންގަނޑުގައި ކުދި ރަތްބިހިތަކެއް ނެގުން ހިމެނެ އެވެ.