Last Updated: May 25, 22:34
Sunday, May 25, 2025
މުނިފޫހިފިލުވުން

ސުހައިލް ޑައިރެކްޓްކުރާ އާ ފިލްމުގެ ނަން ހާމަކޮށްފި

އާޔޫޝް، ސަންޖޭ އަދި ސުހައިލް.

ބޮލީވުޑްގެ ތަރި، ސަލްމާން ޚާންގެ ކޮއްކޮ ސުހައިލް ޚާން ޑައިރެކްޓްކުރާ އާ ފިލްމުގެ ނަން އިއުލާންކޮށްފި އެވެ.

ޕަންޖާބްގައި ޝޫޓްކުރަން ހަމަޖެހިފައިވާ މި ކޮމެޑީ ފިލްމުގެ ނަމަކީ "މައި ޕަންޖާބީ ނިކާ" އެވެ. ސަންޖޭ ދަތާއި ސުހައިލްގެ ޅިޔަނު އާޔޫޝް ޝަރުމާގެ އިތުރުން އައްނޫ ކަޕޫރް މުހިއްމު ރޯލުތައް ކުޅޭ ފިލްމު ޕަންޖާބްގައި ޝޫޓްކުރާތީ އެތަނުގެ ސަރުކާރުގެ އިސްވެރިންނާ ސުހައިލް ބައްދަލުކޮށް، ކިޔާފައިވާ މަރުހަބާ އަށްޓަކައި ޝުކުރު ވެސް އަދާކޮށް އިސްޓަގްރާމްގައި ޕޯސްޓެއް ވެސް ކޮށްފައިވެ އެވެ.

އެ ޕޯސްޓްގައި ސުހައިލް ބުނި ގޮތުގައި "މައި ޕަންޖާބީ ނިކާ" އިން އާ ބަތަލާ އަކު ތައާރަފު ކުރާނެ އެވެ. ނަމަވެސް އެއީ ކާކުކަން އަދި ހާމައެއް ނުކުރެ އެވެ.

އަހަރުތަކެއް ފަހުން ސުހައިލް ފިލްމެއް ޑައިރެކްޓްކުރަން އުޅޭ ވާހަކަ މީޑިއާތަކުން ރިޕޯޓްކުރީ މިދިޔަ މަހުގެ ތެރޭގަ އެވެ. އެކްޓަރެއްގެ އިތުރުން ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރާ ސުހައިލް، 55، އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމަކީ 2016 ގެ ސްޕޯޓްސް ކޮމެޑީ ޑްރާމާ "ފްރީކީ އަލީ" އެވެ.

އޭނަ ޑައިރެކްޓްކުރި ފިލްމުތަކުގެ ތެރޭގައި "ޖޭ ހޯ"، "ހެލޯ ބްރަދާ"، "ޕިޔާރު ކިޔާ ތޯ ޑަރްނާ ކިޔާ" އަދި "އައުޒާރު" ހިމެނެ އެވެ.