ޕީއެސްއެމްގެ މުވައްޒަފުންނަށް އެމްއައި ކޮލެޖުގެ "ލެވަލް އަޕް" ކޯޕަރޭޓް ޓްރެއިނިން ޕްރޮގްރާމުގެ ދަށުން ތަމްރީން ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ޕީއެސްއެމްގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްއައި ކޮލެޖުގެ ފަރާތުން ސޮއި ކުރެއްވީ އެކޮލެޖުގެ ރެކްޓާ ލަމްޔާ އަބްދުލް ހާދީ އެވެ. ޕީއެސްއެމްގެ ފަރާތުން ސޮއި ކުރެއްވީ މޯލްޑިވްސް މީޑިއާ އިންސްޓިއުޓްގެ ޑެޕިއުޓީ ޑީން ފާތިމަތު ހުސައިން އެވެ.
މި އެއްބަސްވުމުގެ ދަށުން ޕީއެސްއެމްގެ މުއައްޒަފުންނަށް ތިން ދާއިރާއަކުން ތަމްރީން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ދާއިރާތަކަކީ:
– ޓެކްނޮލޮޖީ އަދި ޑިޖިޓަލް ޕްރޮފިޝަންސީ – ޒަމާނީ ޑިޖިޓަލް ހުނަރުތަކާއި އަދި މަސައްކަތުގެ މާހައުލުގައި އޭއައި (އާރޓިފިޝަލް އިންޓެލިޖެންސް) ބޭނުން ކުރުން
– ލީޑާރޝިޕް އެންޑް މެނޭޖްމެންޓް – މެނޭޖަރުންގެ ޤާބިލިއްޔަތުކަން އިތުރުކުރުމާއި ގޮތްނިންމުން ހަރުދަނާކުރުން
– ކަސްޓަމާ ސާވިސް އަދި ކޮމިއުނިކޭޝަން އެކްސެލެންސް – ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއި މުއާމަލާތު ކުރުން
އެމްއައި ކޮލެޖުގެ ރެކްޓާ ލަމްޔާ އަބްދުލް ހާދީ ވިދާޅުވީ، ލެވެލް އަޕްއަކީ ތަޖުރިބާލިބޭ ކުރިމަގަށް ވިސްނައިގެން ތައްޔާރުކުރެވިފައިވާ ތައުލީމު ފޯރުކޮށްދީގެން ދިވެހި ހުނަރުތަށް ކުރިއެރުވުމަށް އެމް އައި ކޮލެޖުން ހިފާފައިވާ އަމާޒުގެ ބައެއް ކަމަށެވެ.
"ޕީއެސްއެމްގެ ޓީމާއެކު މިދަތުރު އަޅުގަނޑުމެން މިފަށަނީ ވަރަށް އުފަލާއިއެކު. އުންމީދަކީ އެޓީމަށް މިއަދުގެ މީޑިއާ މާހައުލަށް ބޭނުންވާ ހުނަރުތަކާއި އިސްތިރާޖީ ވިސްނުން ފޯރުކޮށްދެވޭނެ ކަމަށް." ލަމްޔާ ވިދާޅުވި އެވެ.
އެމްއައި ކޮލެޖުން އުފައްދާފައިވާ ލެވެލްއަޕް އަކީ ޕްރީމިއަމް ކޯޕޮރޭޓް ޓްރެއިނިން ބްރޭންޑެކެވެ. މީގެ ދަށުން މީހުންނަށް ވަކިން ބައިވެރިވެވޭ އޯޕަން އެންރޯލްމަންޓް ވޯކްޝޮޕް އަދި ކުންފުނިތަކަށް ހާއްސަކޮށް ފަރުމާކޮށްދޭ ޕްރޮގްރާމްތަށްވެސް ހިމެނެ އެވެ. ތަޖުރިބާކާރު ޓްރެއިނަރުން ތިބެގެން ހިންގާ ލެވެލް އަޕްގެ ބޭނުމަކީ ދިވެހި ވިޔަފާރިތަކަށް މިންކުރެވޭ ފަދަ ކުރިއެރުން ހޯދައިދިނުން އަދި މަސައްކަތްތެރީންނަށް ހުނަރު އިތުރުކޮށް ވަޒީފާގެ ރޮންގުން ކުރިއަށް ދާނެ ފުރުޞަތުތައް ހޯދައި ދިނުން ކަމަށް އެ ކޮލެޖުން ބުނެ އެވެ.
މައި ކޮލެޖަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ކޮލެޖެވެ. އެ ކޮލެޖުން ދަނީ ބިޒްނަސް، އައިޓީ، ޓީޗިން ފަދަ ގިނަ ދާއިރާތަކަކުން އީޖާދީ ފެންވަރު ރަނގަޅު ތައުލީމު ފޯރުކޮށްދެމުންނެވެ.