މި ސީޒަނަށް ފަހު ރެއާލް މެޑްރިޑް ދޫކޮށްލަން، ކްރޮއޭޝިއާގެ މިޑްފީލްޑަރު ލޫކަ މޮޑްރިޗް ނިންމައިފި އެވެ.
ރެއާލް ކެޕްޓަންކަން ކުރަމުން އަންނަ މޮޑްރިޗް ،39، އެ ކްލަބް ދޫކޮށްލާނީ އަންނަ މަހު އެމެރިކާގައި ފަށާ ފީފާ ކްލަބް ވޯލްޑް ކަޕް މުބާރާތަށްފަހު އެވެ.
ރެއާލް ދޫކޮށްލަން ނިންމާފައިވާކަން ހާމަކުރަމުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި މޮޑްރިޗް ބުނީ ކޮންމެ ކަމެއްގައި ވެސް ފެށުމާއި ނިމުމެއް އޮންނަ ފަދައިން އޭނާގެ ރެއާލްގެ ކެރިއަރަށް ނިމުން އަންނަ ވަގުތު ޖެހިފައިވާ ކަމަށެވެ. ރެއާލްއާއެކު އޭނާގެ މުޅި ފުޓްބޯޅަ ކެރިއަރު ބަދަލުވެގެން ގޮސްފައިވާ ކަމަށާއި އެ ކްލަބާއެކު ހޯދުނު ކާމިޔާބީތަކާއި މެދު ފަހުރުވެރިވާ ކަމަށެވެ.
މޮޑްރިޗް ރެއާލްއާ ގުޅުނީ 2012 ވަނަ އަހަރު ޓޮޓެންހަމުންނެވެ. އޭނާ ވަނީ ރެއާލްއާއެކު 28 ތަށްޓެއް ކާމިޔާބުކޮށްފަ އެވެ. އޭގެތެރޭގައި ހަ ޗެމްޕިއަންސް ލީގާއި ހަތަރު ސްޕެނިޝް ލީގު ހިމެނެ އެވެ.
ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާއަށް ދޭ "ބެލޮންޑިއޯ އެވޯޑު" ވެސް ހޯދާފައިވާ މޮޑްރިޗް ރެއާލްއާއެކު ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަނަށް ފަހު ހަމަވާނެ އެވެ.
ރެއާލްގެ އަމިއްލަ ދަނޑުގައި މޮޑްރިޗް ކުޅޭ ފަހު މެޗުގައި އަންނަ އާދީއްތަ ދުވަހު ލީގުގައި ނިކުންނާނީ ރެއާލް ސޮސިއެޑާޑްއާ ދެކޮޅަށެވެ.