Last Updated: May 25, 22:34
Sunday, May 25, 2025
ޚަބަރު

ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ކ. އަތޮޅުގެ ހުރިހާ ރަށަކަށް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކ. ހުރާގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ޚިދުމަތް ފަށައި، ކ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފި އެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ ކ. އަތޮޅުގެ އިތުރުން ހއ.، ނ.، މ.، އަދި ދ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފައިވާ ކަމަށެވެ. އަދި މި އަހަރު ނިމުމުގެ ކުރިން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކުރުމުގެ ލަނޑުދަނޑި ހާސިލުކުރުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންދާ ކަމަށް ޝަރީފް ވިދާޅުވި އެވެ.

"މި މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށް އެބަ ދޭ. އެހެންކަމުން މި ލަނޑުދަނޑި ހާސިލުކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑުމެންނަށް އެބަ އޮތް." ޝަރީފް ވިދާޅުވި އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގައަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 123 ސެލްފް ސާވިސް ބޭންކިން ސެންޓަރު، 178 އޭޓީއެމް، އޭޖެންޓު ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.