ވައިގެެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 3.6 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގެންފި އެވެ.
ކަސްޓަމްސް އިން ބުނީ މިތަކެތި އަތުލައިގަނެފައިވަނީ ވައިގެ މަގުން ރާއްޖެ އެތެރެކޮށްފައިވާ ޝިޕްމެންޓެއްގައި މަސްތުވާތަކެތި ހުރި ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން މިރޭ އެ ޝިޕްމެންޓް ބަލައި ފާސްކުރުމަށް ހިންގުނު ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ.
އަތުލައިގަނެވުނު މަސްތުވާތަކެތީގެ ފުރަތަމަ މަރުހަލާގެ ތަހުލީލުތަކުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތަމްފެޓަމައިން އަށް ވަނީ ޕޮޒިޓިވް ވެފަ އެވެ.
މި ތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު ޖުމްލަ 3.6 ކިލޯގްރާމް ހުރި ކަމަށާއި މިތަކެތީގެ މަގުމަތީ އަގަކީ ގާތްގަނޑަކަށް 7.2 މިލިއަން ދިވެހި ރުފިޔާ ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.
ކަސްޓަމްސް އިން ވަނީ އަތުލައިގަނެވުނު މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފަ އެވެ.