ރާއްޖޭގެ އުފެއްދުންތެރިކަން 6.6 ބިލިއަން ޑޮލަރަށް އިތުރުވެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
އުފެއްދުންތެރިކަމުގެ މައުރަޒުގެ އިނާމު ދިނުމުގެ ޖަލްސާ ވާހަކަ ދައްކަމުން ސައީދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމަށާއި ހާއްސަ ގޮތެއްގައި އެމަނިކުފާނުގެ ސަރުކާރަށް ވާރުތަވި މާލި ހާލަތު ފާހަގަކުރާ ކަމަށެވެ.
"ނަމަވެސް މިއަދު ރައީސުލްޖުމްހޫރިއްޔާގެ ޒައާމަތުގައި ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް ނުވަތަ އުފެއްދުންތެރިކަން 6.6 ބިލިއަން އެމެރިކާ ޑޮލަރުގައި މިއަދު މިހުރީ. އެއީ ގާތްގަނޑަކަށް 1990 ގައި 215 މިލިއަން ގައި ހުރި އުފެއްދުންތެރިކަން 6.6 ބިލިއަން އެމެރިކާ ޑޮލަރަށް އަރައިގެން މިދިޔައީ،" ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ ކްރިއޭޓިވް އިކޮނޮމީ ވަރަށް ބޮޑަށް މެއިން ސްޓްރީމް ކުރައްވަން ރައީސް ބޭނުންފުޅުވާ ކަމަށާއި އެގޮތުން 81 އަހަރަށް ފަހު ރާއްޖޭގައި ބޭއްވިގެންދާ އުފެއްދުންތެރި ކަމުގެ މައުރަޒެއް ބޭއްވުމުގެ އިތުރަށް އެ މައުޒަރުގައި ކްރިއޭޓިވް އިކޮނޮމީ އަށް ހާއްސަކުރެވިފައިވާ ސަރަހައްދެއް ވެސް ހުންނާނެ ކަމަށެވެ.
އަދި މިހާރު ކުރިއަށްގެންދާ މަސައްކަތްތަކުގެ ނަތީޖާއަކަށް ވެގެންދާނީ ރައީސްގެ މެނިފެސްޓޯގައިވާ ވައުދުވެވަޑައިގެންނެވި ގޮތަށް ދިވެހި ވިޔަފާރިވެރިން އުފައްދާ ތަކެތި ރާއްޖެއާއި ރާއްޖެއިން ބޭރުގެ މާކެޓްތަކަށް ފަސޭހަކަމާއިއެކު ފޯރުކޮށް، ވިޔަފާރީގެ މުޢާމަލާތްތައް ހިންގޭނެ ނިޒާމް ގާއިމުކުރުން ކަމަށް ސައީދު ވިދާޅުވި އެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާ ވަރުގަދަ ކުރުމާއެކު ތަފާތު އެކި ސިނާއަތްތަކުން ރާއްޖޭގެ އިގްތިސާދަށް ފައިދާ ކުރުވާނެ ގޮތަކަށް އިގްތިސާދު ބައްޓަން ކުރުމަކީ އަމާޒެއް ކަމަށްވެސް ވިދާޅުވި އެވެ.
މި މަޢުރަޒު ކުރިއަށްދާނީ މިއަދުން ފެށިގެން މި މަހުގެ 31 ގެ ނިޔަލަށެވެ. މި މަޢުރަޒު އާންމުންނަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ މިރޭ 8:30ގަ އެވެ.
މިހާތަނަށް ރާއްޖޭގައި ބޭއްވޭ އުފެއްދުންތެރިކަމުގެ އެންމެ ބޮޑު މި މަޢުރަޒު، އިންތިޒާމްކޮށް ކުރިއަށް ގެންދަނީ، އިކޮނޮމިކް މިނިސްޓްރީ އާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) ގުޅިގެންނެވެ.