Last Updated: May 25, 22:34
Sunday, May 25, 2025
ޚަބަރު

އުފެއްދުންތެރިކަމުގެ މައުރަޒުން އެއްވަނަ އައްޑު އަށް

ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2025ގެ އެއްވަނަ އައްޑޫ ސިޓީން ހޯދައިފި އެވެ.

އުފެއްދުންތެރިކަމުގެ މަޢުރަޒުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ރޭ ބާއްވާފައިވާއިރު، މި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

މި ރަސްމިއްޔާތުގައި ރައީސް ވަނީ އެކި ދާއިރާތަކުން އެއްވަނަ ހާސިލުކުރި ފަރާތްތަކަށާއި، މުޅި މަޢުރަޒުން އެންމެ މަތިން މާކްސް ހޯދި 5 ފަރާތަށް ރަން ވަނަ ހަވާލުކޮށްދެއްވާފަ އެވެ.

މުޅި މަޢުރަޒުން އެންމެ މަތިން މާކްސް ލިބުނު ފަސް އުފެއްދުން:

1. ލުޖައިން ޢަލީ ވަޙީދު، ހ. ހުޅުދުއްފާރު އާގެ، މާލެ
2. އަބުޑީ މޯލްޑިވްސް
3. މޯލްޑިވްސް ޕޮލިޓެކްނިކް
4. މުޙައްމަދު މޫސާ، ގަރާޑީގެ، ރ. އިނގުރައިދޫ
5. ޢަލީ މާހިރު

މުޅި މަޢުރަޒުން އެއްވަނަ އައްޑޫ ސިޓީ ހިތަދޫ އަށް ލިބުނުއިރު، ސިޓީ ފެންވަރުގައި ތަކެތި ބައިވެރިކުރުމުގެ ދާއިރާއިން އެއްވަނަ ހޯދީ އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ އެވެ. ރަށު ފެންވަރުގައި ތަކެތި ބައިވެރިކުރުމުގެ ދާއިރާއިން އެއްވަނަ، ހުވަދު އަތޮޅު އުތުރުބުރީ ވިލިނގިލި ކައުންސިލްގެ އިދާރާ އަށް ލިބުނުއިރު އަމިއްލަ ފަރުދުންގެ ބައިން އެއްވަނަ ހޯދީ ލުޖައިން ޢަލީ ވަޙީދު އެވެ.

ވިޔަފާރިތަކުގެ ދާއިރާއިން އެއްވަނަ، ސިޑީސް ކިޗަން ޕްރައިވެޓް ލިމިޓެޑުން ހޯދިއިރު، ތަޢުލީމުދޭ މަޒުކަޒުތަކުގެ ދާއިރާއިން އެއް ވަނަ ހޯދީ މޯލްޑިވްސް ޕޮލިޓެކްނިކް އެވެ. އަދި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދާއިރާއިން އެއްވަނަ، ފާތުމަތު ޝަފަޤަށް ލިބުނުއިރު، ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ދާއިރާއިން އެއްވަނަ، ވިމެން އޮންޓަރޕްރަނިއަރސް އެސޯސިއޭޝަން މޯލްޑިވްސް އަށް ވަނީ ލިބިފަ އެވެ.

މީގެއިތުރުން ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ ދާއިރާއިން އެއްވަނަ ލިބިފައިވަނީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށެވެ.

މި ރަސްމިއްޔާތުގައި ޖުމްލަކޮށް 275 ވަނައެއް ހޮވާ އިނާމު ހަވާލުކޮށްފައިވެ އެވެ. ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒުގައި ޖުމްލަ 383 ފަރާތަކުން ބައިވެރިވެފައިވެ އެވެ. އެއީ 14 ކެޓެގަރީއަކުންނާއި 82 ސަބް ގިންތިއަކުންނެވެ. މިގޮތުން އެންމެ ގިނައިން ބައިވެރިވެފައިވަނީ އަތްތެރި މަސައްކަތުގެ ދާއިރާއިންނެވެ.

މި މަޢުރަޒުގައި ހދ އަތޮޅުން ފެށިގެން ލ އަތޮޅާއި ހަމައަށް ގިނަ ރަށްތަކަކުން ބައިވެރިވެފައިވެ އެވެ. މަޢުރަޒުގައި އެންމެ ގިނަ ތަކެތި ބައިވެރިކޮށްފައިވަނީ މާލެއާއި ބ.ތުޅާދޫ އިންނެވެ. މަޢުރަޒުގައި 3600އަށްވުރެ ގިނަ ތަކެތި ބައިވެރި ކުރުމަށް އެޕްލިކޭޝަން ފޯމް ފުރާފައިވެ އެވެ.