މުހިންމު ދާއިރާތަކުގައި އަޑުއުފުލާ، ޖަމިއްޔާތަކަށް ދޭ އެހީތެރިކަން އިތުރުކުރަން ޔޫތް މިނިސްޓްރީ އާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން މަޝްވަރާކޮށްފި އެވެ.
މި ބައްދަލުވުމުގައި އަންހެނުންގެ ހައްޤުތަކާއި، ކުޑަކުދީންގެ ހައްޤުތަކާ، ނަފްސާނީ ދުޅަހެޔޮކަމާ، އާއިލާ ރޭވުންފަދަ މުހިންމު ދާއިރާތަކުގައި އަޑުއުފުލާ، ހަރަކާތްތެރިވާ އަމިއްލަ ޖަމްޢިއްޔާ ޖަމާއަތްތަކަށް ސަރުކާރުން ދޭ އެހީތެރިކަމާއި އެއްބާރުލުން އިތުރު ކުރުމުގެ ގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ.
މި ބައްދަލުވުމުގައި ދެ ވުޒާރާގެ ވަޒީރުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
މުހިންމު ދާއިރާތަކުގައި އަޑުއުފުލާ، ޖަމިއްޔާތަކަށް ދޭ އެހީތެރިން އިތުރު ކުރަން މަޝްވަރާކޮށްފައިވާއިރު، މަދަނީ ޖަމިއްޔާތަކުން ހިންގާ މުޖުތަމައު ބާރުވެރިކުރުމުގެ މަޝްރޫއުތަކާއި، ހަރަކާތްތައް ހިންގުމަށް ފައިސާގެ އެހީ ދިނުމަށް ނިންމާ އިއުލާނުކޮށްފައިވަނީ މި މަހުގެ ތެރޭގަ އެވެ.
މި ފިޔަވަހީގައި އެހީ ދިނުމަށް ހަމަޖެހިފައިވަނީ ކުދި، މެދު އަދި ބޮޑެތި މަޝްރޫއުތަކާއި ހަރަކާތްތައް ހިންގުމަށެވެ.
ޔޫތް މިނިސްޓްރީން ބުނީ މަދަނީ ޖަމިއްޔާތަކަށް އެހީ ދިނުމުގެ މައިގަނޑު މަގްސަދަކީ މުޖުތަމައު ބާރުވެރިކުރުމަށް މަދަނީ ޖަމިއްޔާތަކުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް އެފަދަ މަސައްކަތްތަކަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދިނުމާއެކު ގައުމީ ތަރައްގީގައި މަދަނީ ޖަމިއްޔާތަކުގެ ދައުރު ފުޅާ ކުރުން ކަމަށެވެ.