Last Updated: May 25, 22:34
Sunday, May 25, 2025
ރިޕޯޓް

ޙައްޖުވެރިންނަށް 20 ނަސޭހަތެއް!

1. ޙައްޖަށް ދަތުރު ފެށުމުގެ ކުރިންނާއި، އަދި ޙައްޖު ދަތުރުގައި އިޚްލާޞްތެރި ތައުބާއަކުން ﷲ އަށް ތައުބާވާށެވެ.
2. ޙައްޖުގެ އަޅުކަން އަދާކުރަންޖެހޭ ގޮތް އިތުބާރުހުރި ދީނީ ޢިލްމުވެރިއެއްގެ އަރިހުން އަހައި އޮޅުން ފިލުވާށެވެ.
3. ގިނަ ފަހަރު ޙައްޖުވެފައިވާ މީހެކޭ ބުނުވުމަށް، ނުވަތަ މީސްތަކުންނަށް ދެއްކުމަށް ޙައްޖު ނުވާށެވެ.
4. ތިބާގެ އަޚާއާއި ބައްދަލު ވާ ހިނދު ހިނިތުން މޫނަކާއެކު ބައްދަލު ކުރާށެވެ. [ތިބާގެ އަޚާގެ ކުރިމަތީގައި ތިބާގެ ހިނިތުން ވުމަކީ ވެސް ޞަދަޤާތެކެވެ.]
5. ތިބާގެ މުސްލިމު އަޚުންނަށް ސަލާމް ކުރުމުގައި އިސްނަގާށެވެ. ސަލާމް ކުރުމުގައި ދަންނަމީހުންނާއި ނުދަންނަ މީހުންނަށްވެސް ސަލާމް ކުރާށެވެ. އަދި ދަންނާށެވެ. ހިލޭ އަންހެނުންނާއި ހިލޭފިރިހެނުން އަތާއި އަތްޖޯޑުކޮށް ސަލާމް ކުރުމަކީ ޙަރާމް ކަމެކެވެ.
6. ވީ މިންވަރަކުން ތިބާގެ މުސްލިމު އަޚުންނަށް އެހީ ފޯރުވައި ދޭށެވެ.
7. އެހެން ޤައުމުތަކުގެ ޙައްޖުވެރިންނާ ސަލާމްކޮށް އެ މީހުންނަށް ތަޢާރަފްވެ، އެމީހުންގެ ޤައުމުތަކުގައިވާ މުސްލިމު އަޚުންގެ ޙާލު އަޙުވާލު އޮޅުން ފިލުވާށެވެ.
8. ތިބާގެ މުސްލިމު އަޚުން، އެބައިމީހުންގެ ފޮށިތަންމަތި އުފުލުމުގައި ތިބާގެ އެހީއަށް ބޭނުންވާތަން ފެނިއްޖެ ނަމަ އެމީހުންނަށް އެހީވާށެވެ.
9. ސިނގަރޭޓް ބުއިމުން އެއްކިބާވެ ދުރުހެލިވާށެވެ! އަދި ސިނގަރޭޓް ބޯ މީހުންނާ ވެސް ދުރުހެލިވާށެވެ.
10. ގިނަގިނައިން ޤުރުއާން ކިޔަވާށެވެ.
11. ހެނދުނާއި ހަވީރުގެ ޛިކުރުތައް ކުރުން އާދަ ކުރާށެވެ.
12. ގިނަގިނައިން ﷲ އަށް ދުޢާ ދަންނަވާށެވެ! ޚާއްޞަކޮށް ސަޖިދައިގެ ވަގުތުގައި ދުޢާކުރުން ގިނަ ކުރާށެވެ.
13. ޙައްޖު ގުރޫޕްގެ ފަރާތުން ދެވޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލު ކުރަމެވެ.
14. ދީނީ ގޮތުން ކަންތައް އޮންނަގޮތް ދީނީ ޢިލްމުވެރިންގެ އަރިހުން އޮޅުން ފިލުއްވާށެވެ. އަމިއްލައަށް ހިތުހުރި ގޮތަކަށް ހަދައިގެން މި އަޅުކަން ބޭކާރު ނުކުރައްވާށެވެ.
15. ޢަރަފާތް ދުވަހުގެ ކުރިން، ޤައުމުގައި ތިބި ގާތްތިމާގެ މީހުންނަށް ގުޅައި، ޢަރަފާތްދުވަހު ރޯދަ ހިފުމަށް ވަޞިއްޔަތް ކުރާށެވެ.
16. ޢީދު ދުވަހު ގާތްތިމާގެ މީހުންނަށް ގުޅައި، ޢީދުގެ ތަހުނިޔާ ކިޔާށެވެ.
17. ތިބާގެ ގާތްތިމާގެ މީހުންނާއި، އެކުވެރިންނާއި، މި ލިޔުންކޮޅު ލިޔުނު މީހާއަށް ހެޔޮ ދުޢާ ކުރުން ހަނދާން ނައްތާ ނުލާށެވެ.
18. ހޫނު ގަދަވެއްޖެނަމަ ހަނދުމަކުރާށެވެ. ނަރަކައިގެ ހޫނުކަން އެއަށްވުރެ ހޫނު ކަން ގަދަ އެވެ.
19. މިނާގައި ޝައިޚުން ދެއްވާ ދީނީ ނަސޭހަތުގެ ބަސްކޮޅު އަޑުއެހުމަށް ޚާއްޞަ ސަމާލުކަމެއް ދޭށެވެ.
20. މީހުންގެ ވާހަކަ ދެއްކުމާއި، ޣީބަ ބުނުމާއި، ނެތިމޮށުމުން އެއްކިބާވެ ހުންނާށެވެ.

ނޯޓް: މިއީ ޝައިޚް މުޙައްމަދު އަނީލްގެ ލިޔުއްވުމެކެވެ.