Last Updated: May 23, 15:41
Friday, May 23, 2025
ޚަބަރު

ޔުމްނު އޮތީ ބަޔާން ދެވޭ ހާލަތެއްގައެއް ނޫން: އާއިލާ

މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީގޭގެ ކުޑަދޮރުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު މިވަގުތު އޮތީ ފުލުހުންނަށް ބަޔާން ދެވޭ ހާލަތެއްގައެއް ނޫން ކަމަށް އޭނާގެ އާއިލާއިން ބުނެފި އެވެ.

މި ހާދިސާގައި ލިބުނު އަނިޔާތަކާއި ގުޅިގެން ޔުމްނު އަންނަނީ މެލޭޝިއާގައި އިތުރު ފަރުވާ ހޯދަމުންނެވެ.

ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގަށް އޭނާގެ އާއިލާގެ ފަރާތުން އެއްބާރުލުން ނުދޭތީ ޔުމްނުގެ ބަޔާން މެލޭޝިއާ ފުލުހުންނާ ގުޅިގެން ނެގުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ޔުމްނު ފަރުވާއަށް މެލޭޝިއާއަށް ގެންދިޔަ ދުވަހުން ފެށިގެން ދިވެހި ދެ ފުލުހުން މެލޭޝިއާގައި ހަރަކާތްތެރި ވަމުން އަންނަ ކަމަށާއި އޭގެ ތެރެއިން އެއް ފުލުހަކީ މެޑިކަލް ޑޮކްޓަރެއް ކަމަށްވެސް ފުލުހުން ބުންޏެވެ.

ޔުމްނުގެ އާއިލާގެ ފަރާތުން ނެރުނު ބަޔާނެއްގައި ވަނީ އާއިލާގެ ފަރާތުން ފުލުހުންނަށް އެއްބާރުލުން ނުދޭ ވާހަކަ ދޮގުކޮށްފަ އެވެ. ޔުމްނުގެ ހާލަތުގެ ނުރައްކާތެރިކަމުގެ ސަބަބުން އޭނާއަށް މިވަގުތު އެއްވެސް ބަޔާނެއް ދެވޭ ހާލަތެއް ނެތް ކަމަށާއި ނަމަވެސް ކަމާބެހޭ އިދާރާތަކަށް އެއްބާރުލުންދީގެން ޔުމްނު އަށް އިންސާފު ހޯދައިދޭން ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނެ ކަމަށް އާއިލާއިން ބުންޏެވެ.

މި ހާދިސާއާ ގުޅިގެން އެރޭ ޔުމްނުއާއެކު އުޅުނު ރައުދު އަހުމަދު ޒިލާލު އިއްޔެ ހެނދުނު ބަންދުން ދޫކޮށްލުމަށްފަހު އިއްޔެ ހަވީރު އަލުން ވަނީ ހައްޔަރުކޮށްފަ އެވެ. ރައުދު އިއްޔެ ހެނދުނު ދޫކޮށްލީ ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތަކެއް ހުރުމުން ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން އެދިގެން، ރައުދުގެ ކްރިމިނަލް ކޯޓުގެ ބަންދު އަމުރުތައް ވަނީ ސިއްރުކޮށްފަ އެވެ. އެހެންވެ އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް މިހާތަނަށް ސާފުވެފައި ނުވެ އެވެ.