Last Updated: May 25, 22:34
Sunday, May 25, 2025
ޚަބަރު

ފޭދޫ ދަނޑުގެ ލައިޓްތައް ނަގާތީ ކަންބޮޑުވުންތަކެއް

އައްޑޫ ފޭދޫގެ ކުރީގެ ރަސްމީ ފުޓްބޯޅަ ދަނޑުގައި ޖަހާފައި ހުރި ލައިޓް ޕޯސްޓްތައް ނަގައި، ހިތަދޫގެ ދަނޑެއްގައި ޖަހަން ކައުންސިލުން ނިންމުމާ ގުޅިގެން ފޭދޫގެ ބަޔަކު ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

ފޭދޫ ދަނޑުގެ ލައިޓްތައް ހިތަދު އަށް ނަގާ ގޮތަށް ނިންމީ ކައުންސިލްގެ ރަސްމީ ބައްދަލުވުމެއްގަ އެވެ.

މިކަމާ ގުޅިގެން ފޭދޫގެ ކުޅވަރުގެ ކޮމިއުނިޓީގައި އުޅޭ ބަޔަކު ރޭ ފޭދޫ އޮފީސް ދޮށަށް ވެސް އެއްވެސް ކަންބޮޑުވުން ފާޅުކުރި އވެ. އެކަމާ ގުޅިގެން ފޭދޫގެ ކައުންސިލަރުން އެ މީހުންނާ ބައްދަލުކޮށް އެ މީހުންގެ ކަންބޮޑުވުންތައް އަޑު އައްސަވާފައިވެ އެވެ.

ފޭދޫގެ ކުރީގެ ފުޓްބޯޅަ ދަނޑު އޮންނަ، މާދެލަ ދާއިރާގެ ކައުންސިލަރު މުހައްމަދު ފައިސަލް ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ދަނޑުގެ ލައިޓްތައް ހިތަދު އަށް ނަގަން ނެގި ވޯޓަށް އޭނަ ވޯޓް ވެސް ނުދެއްވާ ކަމަށާއި އެކަމާ ދެކޮޅު ކަމަށެވެ. އަދި ހުންނަވާނީ އެ ސްޓޭންޑްގެ މަތީގައި ކަމަށް ވިދާޅުވި އެވެ.

ކުރިން ބޭނުން ކުރަމުން އައި ގޮތަށް ފޭދޫ ރަސްމީ ދަނޑު ބޭނުން ކުރުން ހުއްޓައިލީ ފޭދޫގައި ކުރީގެ ސަރުކާރުން ހެދި ޓާފް ދަނޑު ބޭނުން ކުރަން ފެށުމާ ގުޅިގެންނެވެ. ފޭދޫ ބޮޑުމަގު ސަރަހައްދުން ގަމާވީ ކޮޅުގައި އޮންނަ އެ ދަނޑު ރަސްމީކޮށް ބޭނުން ކުރަމުން އަންނަނީ 2023 އިން ފެށިގެންނެވެ.

ފޭދޫގެ ކުރީގެ ދަނޑުގައި ރޭގަނޑު ކުޅެވޭ ގޮތަށް ލައިޓް ޕޯސްޓްތައް ޖެހީ 2015 ވަނަ އަހަރުގެ ތެރޭގަ އެވެ. ޓާފު ދަނޑު ހުޅުވި ފަހުން ކުރީގެ ދަނޑުގައި ރަސްމީ ސިފައެެއްގައި ފުޓްބޯޅަ ނުކުޅު ނަމަވެސް ފޭދޫގައި ބާއްވާ އެކި ކަހަލަ ހަރަކާތްތައް ދޭތެރެ ދޭތެރެއިން އެ ދަނޑުގައި ބާއްވަ އެވެ.