އައްޑޫ ހިތަދޫން ދޫކުރަން ނިންމި ގޯތިތަކުގެ ތެރެއިން މިހާތަނަށް ހަވާލު ނުކުރެވިވާ ގޯތިތައް ހަވާލު ނުކުރެވި ލަސްވެފައި އޮތީ ގޯތިތަކެއް ދޭން ނިންމި ސަރަހައްދެއް އެހެން ދިމާއަކަށް ބަދަލު ކުރަން ޖެހުމާއި ގޯތިތަކެއް ދޫކުރަން ނިންމި ސަރަހައްދެއް ބެރުމުގެ މަސައްކަތް ލަސްވެފައި އޮތުމުން ކަމަށް މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
ކައުންސިލުން އިއްޔެ ބޭއްވި މި ދައުރުގެ 187 ވަނަ ޖަލްސާގައި ހިތަދޫ ރަސްގެދަރި ދާއިރާގެ ކައުންސިލަރު ހުސައިން ޒަރީރު ކުރެއްވި ސުވާލަކާ ގުޅިގެން މޭޔަރު ވިދާޅުވީ މިހާރު ބަލަނީ އަންނަ މަހުގެ ތެރޭގައި ހަވާލު ނުކުރެވި ހުރި ގޯތިތައް ހަވާލުކޮށް ނިންމޭތޯ ކަމަށެވެ.
މޭޔަރު ވިދާޅުވީ މި ވަގުތަށް ހަވާލު ކުރެވެން ހުރި ހުރިހާ ގޯތިތަކެއް ވާނީ ލިބުނު ފަރާތްތަކާ ހަވާލުކޮށްފައި ކަމަށެވެ.
"[މެދައާރި] ކިޅީގެ ކައިރިން ދޫކުރަން ނިންމި ގޯތިތައް ދޫނުުރެވޭނެ ކަމަށް އީޕީއޭ [އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ] އިން ބުނުމާ ގުޅިގެން އެ ދިމާލުން ދކުރަންމ ނިންނި ގޯތިތައް އެހެން ދިމާލަކަށް އެލޮކޭޓް ކުރަން ޖެހިފައި އޮތީ. އެ މަސައްކަތް ހިތަދޫ އަވަށު އަވަށު އޮފީހުން ކުރިއަށް އެބަ ގެންދޭ،" ނިޒާރު ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ މި ބަދަލާ އަކީ އަލުން ގޯތި ލިބުނު މީހުންނާ އެކު އަލުން ގުރުއަތަކަށް ވެސް ދާން ޖެހޭނެ ކަމަށެވެ.
މޭޔަރު ވިދާޅުވީ ހިތަދޫގެ ވަށްބުރާ ދިމާއިން އޮތް ސަރަހައްދުން ދޫކުރަން ނިންމި ގޯތި ހަވާލު ކުރުން ލަސްވެފައި އޮތީ އެ ސަރަހައްދު ބެރުން ލަސްވާތީ ކަމަށެވެ. އޭނަ ވިދާޅުވީ އެ މަސައްކަތް ކުރަން ކުރިން ނިންމީ ހަންކެޑެ ބްރިޖް ދަށުން ނެގި ވެލިތައް ގެނެސް އަޅައިގެން ކަމަށެވެ. ނަމަވެސް އެ ވެލި ބޭނުން ނުކުރެވޭނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން އަންގާފައިވާތީ އެކި ތަންތަނުން ވެލި ގެނެސްގެން ބަރަން ޖެހުމުން ލަސްވެފައި އޮތީ ކަމަށް ވިދާޅުވި އެވެ.
"އެހެން ނަމަވެސް އެ މަސައްކަތުގެ ހަތްދިހަ ޕަސެންޓް މިހާރު އޮތީ ނިމިފައި،" ނިޒާރު ވިދާޅުވި އެވެ. "އެހެންވީމަ އެ ސަރަހަދުން ދޫކުރާ ގޯތިތައް ދެއްކުމަށްޓަކައި ކައުންސިލުން އެބަ މަސައްކަތް ކުރަން."
މޭޔަރު ހިތަދޫން ދޫނުރެވިވާ ހުރި ހުރިހާ ގޯއްޗެއް އަންނަ މަހުގެ ތެރޭގައި ހަވާލުކޮށް ނިންމައިލެވޭނެކަމުގެ ޔަގީންކަން އޮތް ކަމަށެވެ.
ހިތަދޫން ދޫކުރަން ކުރަން ނިންމީ 1،500 އަކަފޫޓްގެ 500 ގޯއްޗެވެ.
އެ ގޯތިތަކާ އެކު ކައުންސިލުން 2023 ގައި އައްޑޫގެ ހަތަރު އަވަށަކުން ޖުމްލަ 1،000 ގޯތި ދޫކުރަން ނިންމި އެވެ. އޭގެ ތެރޭގައި ދެން ހިމެނެނ ފޭދޫން 300 ގޯއްޗާއި މީދޫން 100 ގޯއްޗާއި ހުޅުދޫން 100 ގޯއްޗެކެވެ.
މި އަވަށްތަކުން ގޯތި ކުރުމުގެ ބޮޑު ބައި އޮތީ ނިމިފަ އެވެ.