ހައްޖު މަހުގެ ފުރަތަމަ 10 ދުވަހު ސާލިހު އަމަލުތައް ގިނަކުރުމަށް ހުކުރު ހުތުބާގައި ގޮވާލައިފި އެވެ.
މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައި ވަނީ "ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން" މި މައުޟޫއުގެ މައްޗަށެވެ.
ޚުތުބާގައި ބުނީ މާތްﷲގެ ހަޟުރަތުގައި އެންމެ ލޮބުވެތިވެގެންވާ މައްސަރުތަކަކީ ހުރުމަތްތެރިވެގެންވާ މައްސަރުތައް ކަމަށާއި އެ މައްސަރުތަކުގެ ތެރެއިން އެންމެ ލޮބުވެތިކަން ބޮޑު މައްސަރަކީ ޙައްޖު މަސް ކަމަށްވާއިރު، ޙައްޖު މަހުގެ އެންމެ މާތް ދުވަސްތަކަކަކީ އެ މަހުގެ ފުރަތަމަ ދިހަ ދުވަސް ކަމަށެވެ.
މި ދިހަ ދުވަހަކީ މާތްﷲ މި ދުނިޔޭގައި ލައްވައިފައިވާ އެންމެ މާތް ދުވަސްތައް ކަމަށާއި މި ދުވަސްތަކުގައި ކުރެވޭން އޮތް ޞާލިހު އަމަލުތަކުގެ ތެރޭގައި ރޯދަހިފުން ހިމެނޭކަން ހުތުބާގައި ވަނީ ފާހަގަކޮށްފަ އެވެ.
ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަމާއި މަތިވެރިކަން ގިނަގުނަ ކަމަށާއި މުސްލިމުންނަށް މާތްﷲ ދެއްވާ ފުރުސަތުތަކުގެ ބޭނުން ރަނގަޅަށް ހިފާ ބައެއް ކަމުގައިވުމަށާއި، އެފަދަ ހެޔޮކަން ބޮޑު ދުވަސްތަކުގައި ޞާލިހު އަމަލުތައް ގިނަކޮށް މާތްﷲ ގެ ހަޟުރަތުގައި، މަތީ ދަރަޖައެއް ލިބޭތޯ ވާދަކުރުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފަ އެވެ.
މީގެއިތުރުން އެ ދިހަ ދުވަހު ކުރުން އިތުރުވެގެންވާ ހެޔޮ އަމަލުތަކުގެ ތެރޭގައި މާތްﷲ އަށް ޒިކުރުކުރުން ހިމެނޭ ކަމަށާއި، އެކަލާނގެ ހަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑު އަމަލަކީ ޒިކުރުކުރުން ކަމަށް ޚުތުބާގައި ބުންޏެވެ.