ހުޅުމާލޭގައި މިރޭ ހަވާ އަރުވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ ހުޅުމާލޭ ފެރީ ޓާމިނަލް ދިމާ ބޭރުން މިރޭ 8:45 ގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތަށް، ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ކުރިއަށްގެންދާ މި ހަރަކާތް ކުރިއަށް ދާނީ ފަސް މިނެޓަށް ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
މި މަޢުރަޒު ކުރިއަށްދާނީ މިއަދުން ފެށިގެން މި މަހުގެ 31 ގެ ނިޔަލަށެވެ. މި މަޢުރަޒު އާންމުންނަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ މިރޭ 8:30ގަ އެވެ.
މި މަޢުރަޒުގައި ހދ އަތޮޅުން ފެށިގެން ލ އަތޮޅާއި ހަމައަށް ގިނަ ރަށްތަކަކުން ބައިވެރިވެފައިވެ އެވެ. މަޢުރަޒުގައި އެންމެ ގިނަ ތަކެތި ބައިވެރިކޮށްފައިވަނީ މާލެއާއި ބ.ތުޅާދޫ އިންނެވެ. މަޢުރަޒުގައި 3600އަށްވުރެ ގިނަ ތަކެތި ބައިވެރި ކުރުމަށް އެޕްލިކޭޝަން ފޯމް ފުރާފައިވެ އެވެ.
މިހާތަނަށް ރާއްޖޭގައި ބޭއްވޭ އުފެއްދުންތެރިކަމުގެ އެންމެ ބޮޑު މި މަޢުރަޒު، އިންތިޒާމްކޮށް ކުރިއަށް ގެންދަނީ، އިކޮނޮމިކް މިނިސްޓްރީ އާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) ގުޅިގެންނެވެ.