މައްކާ ރޫޓު އިނީޝިއޭޓިވް އިފްތިތާޙް ކުރެއްވުމަށް ސަޢުދީ ޢަރަބިއްޔާގެ އިސް ވަފުދެއް ރާއްޖެ ވަޑައިގަންނަވައިފި އެވެ.
މިއަދު މެންދުރު ރާއްޖެ ވަޑައިގެންނެވި މި ވަފުދަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އަދި ރާއްޖޭގައި ހުންނަ ސަޢުދީ ޢަރަބިއްޔާ އެމްބަސީގެ އިސް ބޭފުޅުންނެވެ.
މި ވަފުދުގައި ސަޢުދީ ޢަރަބިއްޔާގެ ޙައްޖު މިނިސްޓްރީއާއި، އިމިގްރޭޝަންއާއި، ފޮރިން މިނިސްޓްރީ އަދި މައްކާ ރޫޓު އިނީޝިއޭޓިވްގެ އިސް ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ.
ދިވެހި ޙައްޖުވެރިންނަށް މުޅިން އަލަށް ތަޢާރަފްކުރާ މައްކާ ރޫޓު އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙް ކުރެއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26 ވަނަ ދުވަހު އެވެ.
މައްކާ ރޫޓް އިނީޝިއޭޓިވްއަކީ ޙައްޖުވެރިންނަށް ލުއި ފަސޭހަ އިންތިޒާމެއް ހަމަޖެއްސެވުމަށް ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްއާއި ޕްރިންސް މުޙައްމަދު ބިން ސަލްމާންގެ ބެއްލެވުމުގެ ދަށުން ވަރަށް ޚާއްސަ ސަމާލުކަމެއް ދެއްްވައިގެން ކުރިއަށް ގެންދަވާ މަސައްކަތެކެވެ.