Last Updated: May 25, 09:48
Sunday, May 25, 2025
ޚަބަރު

މައުޒަރުން އައްޑޫ ހޯދީ ނަމޫނާ ކާމިޔާބީއެއް

މިއަދު ހުޅުމާލޭގައި ފެށި "ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒު" ގައި ބައިވެރިވެ، ދަނޑު،ވެރިކަމުގެ ދާއިރާއިން، އައްޑޫން ހޯދި ފުރިހަމަ ކާމިޔާބީއަކީ، ދަނޑުވެރިކަމުގެ ސިނާޢަތް ކުއެރުވުމަށް އެ ސިޓީގެ ރައްޔިތުންގެ ހިތުގައި އޮތް، ލޯތްބާއި، ޝަޢުގުގެ ދިރިހުރި ހެއްކެއް ކަމަށް ދަނޑުވެރިކަމާ ބެހޭ މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ.

މައުރަޒުގައި ބައިވެރިވި ފަރާތްތަކަށް އިނާމު ދޭން ރޭ މާލޭގެ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވަނީ މައުރަޒުގައި ބައިވެރިވެ، ދަނޑުވެރިކަމުގެ ދާއިރާ އިން އައްޑޫ ހޯދި ފަޚުރުވެރި ކާމިޔާބީއަށް ތަހުނިޔާއާއި މުބާރަކްބާދީ އަރިސް ކުރައްވައިފަ އެވެ.

"މި ޝަރަފުވެރި ނަތީޖާއަކީ އައްޑޫސީޓީ ކައުންސިލްގެ މެންބަރުންނާއި، ޚާއްސަކޮށް އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުން ކުރެއްވި ބުރަ މަސައްކަތާއި، އައްޑޫ ސިޓީގެ ލޮބުވެތި ރައްޔިތުން ދަނޑުވެރިކަމަށް ދެއްވަވާ ޝައުޤުވެރިކަމާއި، މި މުހިންމު ސިނާޢަތް ކުރިއެރުވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ދިރުންހުރި ހެއްކެއްކަން ކަށަވަރު،" މާރިއާ ވިދާޅުވި އެވެ. "މިއީ ޤައުމީ ފެންވަރުގައި ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް މަގުފަހިކޮށް ދޭނެ ރަމްޒީ ނަމޫނާއެއް."

މުޅި މަޢުރަޒުން އެއްވަނަ އައްޑޫ ހިތަދު އަށް ލިބުނުއިރު، ސިޓީ ފެންވަރުގައި ތަކެތި ބައިވެރިކުރުމުގެ ދާއިރާއިން އެއްވަނަ ހޯދީ އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ އެވެ.

"އުފެއްދުންތެރިކަމުގެ މައުރަޒު" ހުޅުމާލޭގެ ސެންޓްރަލް ޕާކްގައި މިއަދުން ފެށިގެން މި މަހުގެ 31 އާ ހަމައަށް ކުރިއަށް ދާނެ އެވެ.

މަޢުރަޒުގައި ޖުމްލަ 383 ފަރާތަކުން ބައިވެރިވެފައިވެ އެވެ. އެއީ 14 ކެޓެގަރީއަކުންނާއި 82 ސަބް ގިންތިއަކުންނެވެ. އެގޮތުން އެންމެ ގިނައިން ބައިވެރިވެފައިވަ ނީ އަތްތެރި މަސައްކަތުގެ ދާއިރާއިންނެވެ.

މަޢުރަޒުގައި އެންމެ ގިނަ ތަކެތި ބައިވެރިކޮށްފައި ވަނީ މާލެ އާއި ބ. ތުޅާދޫ އިންނެވެ.