ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރް ހޯސްޓްކުރާ އާ ރިއަލިޓީ ސީރީޒް "ދަ ޓްރެއިޓާސް" ޓީޒާ ދައްކާލައި، އެ ޕްރީމިއާކުރާ ތާރީހު އިއުލާންކޮށްފި އެވެ.
އެމެޒޯން ޕްރައިމް ވީޑިއޯ އިން ގެނެސްދޭން ހަމަޖެހިފައިވާ މި ޝޯ ޕްރީމިއާ ކުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 12 ގަ އެވެ.
"ދަ ޓްރެއިޓާސް" އަކީ އެ ނަމުގައި ގެނެސްދީފައިވާ އިންޓަނޭޝަނަލް ޝޯއެއްގެ އިންޑިއާ ވާޝަނެވެ. މި ޝޯގެ ވާޝަންތައް މިހާތަނަށް 30 އަށް ވުރެ ގިނަ ގައުމުތަކުން ގެނެސްދީފައިވެ އެވެ. "ދަ ޓްރެއިޓާސް" ގެ އިންޑިއާ ވާޝަން ގެނެސްދެނީ ބީބީސީ ސްޓޫޑިއޯސް އިންޑިއާ ޕްރޮޑަކްޝަނުންނެވެ.
ކަރަން ހޯސްޓްކުރާ ޝޯ އިން އިންޑިއާގެ ސެލެބްރީންތަކެއް ވާދަކުރާނެ އެވެ.
ކަރަން ހޯސްޓްކުރާ ޝޯއަކަށް ގެނެސްދޭ އެންމެ މަޝްހޫރު ޝޯ އަކީ "ކޮފީ ވިތު ކަރަން" ގެ ނަމުގައި ގެނެސްދެމުން އަންނަ ޓޯކް ޝޯ އެވެ. ދެހާސް ހަތަރަކުން ފެށިގެން ގެނެސްދެމުން އަންނަ އެންމެ ފަހުގެ ސީޒަނަކީ 2023 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ގެނެސްދިން ސީޒަން އަށެކެވެ.
ކަރަން އަކީ "ކުޗް ކުޗް ހޯތާ ހޭ" އާއި "ކަބީ ހުޝީ ކަބީ ޢަމް" އަދި "އޭ ދިލް ހެ މުޝްކިލް" ފަދަ މަޝްހޫރު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ 2023 ގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އެވެ.