މިއަދު ފެށި "ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒު" އިން އައްޑު އަށް އެއް ވަނަ ލިބުނީ ވަރަށް ގިނަ ބައެެއްގެ ބުރަ މަސައްކަތުން ކަމަށް މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
އޭނަ ވިދާޅުވީ މިއީ އައްޑޫ ރައްޔިތުންނަށް ލިބިގެން ދިޔަ ވަރަށް ބޮޑު ޝަރަފަކާއި ފަހުރެއް ކަމަށެވެ.
"ވަރަށް ގިނަ ބޭފުޅުންގެ ބުރަ މަސައްކަތުން ހޯދުނު ނަތީޖާއެއް." މޭޔަރު ވިދާޅުވި އެވެ.
ނިޒާރު ވިދާޅުވީ މައުރަޒުން ބޮޑު ކާމިޔާބީއެއް ލިބުނީ ކައުންސިލްގެ މުވައްޒަފުންނާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ ރޭވުންތެރި، ރަނގަޅު މަސައްކަތުން ކަމަށެވެ. އެގޮތުން ކައުންސިލްގެ ސޯޝަލްގެ މުވައްޒަފުންނާއި ކައުންސިލަރު އާމިނަތު އަދާލާ އާއި ކައުންސިލްގެ އެގްޒެކެޓިވުން ކަމަށްވާ ނޫރާ ޖަލީލާއި އައިމިނަތު ގުލްފިޝާންގެ އިތުރުން އަންހެނުންގެ ކޮމިޓީގެ ރައީސް ނުސްރާ ރަޝީދާއި ކައުންސިލްގެ އެސިންޓަންޓް އެގްޒެކެޓިވް އަމީޒާ ހަލީލު އިސް ނަންގަވައިގެން ކުރެއްވި މަސައްކަތަށް ކައުންސިލްގެ ނަމުގައި ޝުކުރު އަދާކުރައްވާ ކަމަށް މޭޔަރު ވިދާޅުވި އެވެ.
މުޅި މަޢުރަޒުން އެއްވަނަ އައްޑޫ ހިތަދު އަށް ލިބުނު އިރު، ސިޓީ ފެންވަރުގައި ތަކެތި ބައިވެރިކުރުމުގެ ދާއިރާ އިން އެއްވަނަ ހޯދީ އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ އެވެ.
"އުފެއްދުންތެރިކަމުގެ މައުރަޒު" ހުޅުމާލޭގެ ސެންޓްރަލް ޕާކްގައި މިއަދުން ފެށިގެން މި މަހުގެ 31 އާ ހަމައަށް ކުރިއަށް ދާނެ އެވެ.
މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބާއްވާ މަޢުރަޒުގައި ޖުމްލަ 383 ފަރާތަކުން ބައިވެރިވެފައިވެ އެވެ. އެއީ 14 ކެޓެގަރީއަކުންނާއި 82 ސަބް ގިންތިއަކުންނެވެ. އެގޮތުން އެންމެ ގިނައިން ބައިވެރިވެފައި ވަނީ އަތްތެރި މަސައްކަތުގެ ދާއިރާއިންނެވެ.
މަޢުރަޒުގައި އެންމެ ގިނަ ތަކެތި ބައިވެރިކޮށްފައި ވަނީ މާލެ އާއި ބ. ތުޅާދޫންނެވެ.