ބޮޑު އީދު ކުލަގަދަކޮށް ފާހަގަކުރަން ރާއްޖޭގެ ކައުންސިލްތަކުން ތައްޔާރީތައްވަމުން އަންނަ އިރު އެކަން ދީނުގައި ކަނޑަައަޅާފައިވާ އިންތަކުގެ ތެރެއިން މުންކަރާތްތައް ނުހިމެނޭ ގޮތަށް ކުރިއަށް ގެންދަން ޝެއިހް އަހުމަދު ސަމީރު ކައުންސިލްތަކަށް ގޮވާލައްވައިފި އެވެ.
ސަލަފް ޖަމިއްޔާގެ ރައީސްކަން ވެސް ކުރައްވާ ސަމީރުގެ ފޭސްބުކްގައި ކައުންސިލްތަޖަށް ހާއްސަކޮށްގެން ގެނެސްދެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ އީދު ފާހަގަ ކުރަން މަސައްކަތްކުރާ އިރު، ފެންނަނީ އެއް ބަޔަކަށް ވުރެ މޮޅަށް އަނެއް ބަޔަކު އެކަން ކުރަން އުޅޭ މަންޒަރު ކަމަށެވެ.
ނަމަވެސް އީދު ފަދަ ދީނުގެ މުހިންމު ދުވަހެއް މޮޅަށް ފާހަގަކުރެވޭނީ ދީނުގައި ކުރަން ހުއްދަކޮށްފައިވާ ގޮތަށް އެކަންކޮށްގެން ކަމަށް ވިދާޅުވި އެވެ. އެހެންވެ ދީނުގައި ކަނޑައަޅާފައި އިންތަކުގެ ތެރެއިން، މުންކަރަކާތް ނުހިމެނޭ ގޮތަށް އީދު ފާހަގަކުރަން ހަރަކާތްތައް ރާވައި ހިންގުމަކީ ކައުންސިލްތަލުގެ ކޮނޑުގައި އެޅިފައި އޮތް ވަރަށް މުހިއްމު ޒިންމާއެއް ކަމަށް ސަމީރު ވިދާޅުވި އެވެ.
"ކަން މޮޅު ވާނީ ކަން ހުއްދަވީމަ. ކަން މޮޅުވާނީ އެ ކަމެއް ހުއްދަަ ގޮތުގައި ކުރެވުނީމަ." އޭނަ ވިދާޅުވި އެވެ. "އެއީ އެ ބޭފުޅުން [ކައުންސިލްތަކުގެ] ކޮނޑުގައި އެޅިފައި އޮތް ޒިންމާ އަދާކުރެވުމަކީ."
ސަމީރު ވިދާޅުވީ ބާރުތައް ލިބުމަކީ މުންކަރަކާތަކަށް ބާރު އަޅާ ކަމަށްވެގެން ނުވާނެ ކަމަށެވެ.
"އެ މީހުން ވާން ޖެހޭނީ ހެޔޮ ކަންކަމަށް މީސްތަކުންނަށް އަމުރުކުރާ ބަޔަކަށް. އަދި މުންކަރާތްތައް މަނާކުރާ ބަޔަކަށް. އެއީ ﷲ އެ މީހުންގެ ކޮނޑުގައި އަޅުވާފައި އޮޔް ޒިންމާ އަކީ،" އޭނަ ވިދާޅުވި އެވެ. "އެހެންވީމަ އެ ޒިންމާ އުފުލުމުގެ ބަދަލުގައި މުންކަރާތްތަކަށް ބާރު ދީ، މުންކަރާތްތައް ފަތުރައި އެކަންކަމަށް ހަރަދު ކުރާ ބަޔަކަށް އެ މީހުން ވެއްޖިއްޔާ ގިމާޔަތް ދުވަހުން އެފަދަ ކަންކަމަށް ޖަވާބުދާރީ ވާން ޖެހޭނެ."
ރާއްޖޭގައީ އީދު ފަދަ ދުވަަސްތައް ފާހަގަކުރަން ބޮޑެތި ހަރަދުތައްކޮށްގެން މިއުޒިކް ޝޯތަކާއި ދެ ޖިންސް އެެއްވެގެން ބާއްވާ ތަފާތު އެކި ކުޅިވަރު ހަރަކާތްތައް ބޭއްވުން އިތުރުވަމުންދާތީ ދީނީ އިލްމުވެރިން ތަކުރާރުކޮށް ކަންބޮޑުވުން ފާޅު ކުރަމުން ގެންދެ އެވެ.