Last Updated: May 25, 09:57
Sunday, May 25, 2025
ކުޅިވަރު

ނަޕޯލީން އިޓާލިއަން ލީގު ކާމިޔާބުކޮށްފި

ކަލިއަރީ އަތުން 2-0 އިން މޮޅުވެ ނަޕޯލީން އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

މިއީ ނަޕޯލީން އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ހޯދި ހަތަރުވަނަ ފަހަރެވެ.

ނަޕޯލީން އިޓާލިއަން ލީގު ނިންމާލީ އެއްވަނައިގައި އޮވެ، 82 ޕޮއިންޓާއެކު އެވެ. ލީގުގެ ދެވަނައަށް ދިޔަ އިންޓަ މިލާނަށް ލިބިފައިވަނީ 81 ޕޮއިންޓެވެ. ލީގުގެ ފަހު މެޗުގައި އިންޓަ އިން ރޭ ކޯމޯގެ މައްޗަށް 2-0 އިން ކުރި ހޯދައިފަ އެވެ.

ނޭޕަލްސްގެ ޑިއޭގޯ މަރަޑޯނާ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ނަޕޯލީން މޮޅު ކުޅުމެއް ދެއްކިއިރު، މި މެޗުގައި ފެނިގެންދިޔަ ފުރަތަމަ ގޯލު ނަޕޯލީއަށް މެޗުގެ 42 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި ސްކޮޓް މެކްޓޮމިނޭ އެވެ. މިއީ މި ފަހަރު ލީގުގައި މެކްޓޮމިނޭ ޖެހި 12 ވަނަ ގޯލެވެ.

ދެވަނަ ހާފް ފެށިގެން މާގިނަ އިރުތަކެއް ނުވެ، ކަލިއަރީގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލައި އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާއަކުން ރޮމެލޫ ލުކާކޫ ވަނީ ނަޕޯލީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. މި ގޯލަށް ފަހު ދެވަނަ ހާފުގައި ނަޕޯލީ އަށް ވަނީ ލީޑު ފުޅާކޮށްލަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފަ އެވެ.

މެޗަށް ފަހު ވާހަކަދައްކަމުން ނަޕޯލީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނީ ނަޕޯލީގެ ކޯޗުކަމަކީ އޭނާގެ ކެރިއަރުގެ އެންމެ އުނދަގޫ ޗެލެންޖު ކަމަށެވެ. އެގޮތުން މިދިޔަ ސީޒަނުގައި 10 ވަނައިގައި ނިންމި ނަޕޯލީ ހަމަޔަކަށް އަޅުވައި އެޓީމުގައި ތިބި މުހިއްމު ބައެއް ކުޅުންތެރިން ހިފެހެއްޓުމުގައި ގިނަ މަސައްކަތްތަކެއް ކުރަން ޖެހުނުކަން ކޮންޓޭ ފާހަގަކުރި އެވެ.