ލިވަޕޫލުން ބަޔާ ލެވަކޫސަންގެ ޖަރުމަނު މިޑްފީލްޑަރު، ފްލޯރިއަން ވާޓްޒް ގެނައުމުގެ މަސައްކަތް ފަށައިފި އެވެ.
ރިޕޯޓުތައް ބުނާގޮތުން ޔޫރަޕްގެ ގިނަ ކްލަބުތަކަކުން ގެންނަން ޝައުގުވެރިކަން ފާޅުކުރި ވާޓްޒް މިހާރު ވަނީ ލިވަޕޫލަށް ބަދަލުވާން އެއްބަސްވެފަ އެވެ. އަދި ވާޓްޒްގެ ޓްރާންސްފާ ފީ އާއި ގުޅޭގޮތުން ލެވަކޫސަންއާ އެކީ ލިވަޕޫލުން މަޝްވަރާތައް ފަށާފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ.
ވާޓްޒް ،22، އަކީ ލެވަކޫސަންގެ މެދުތެރޭގައި މުހިއްމު ދައުރެއް އަދާކުރަމުން އަންނަ ކުޅުންތެރިއެއް ކަމަށްވާއިރު، މިދިޔަ ސީޒަނުގެ ޖަރުމަނު ލީގު ލެވަކޫސަނަށް ކާމިޔާބުކޮށްދިނުމުގައި އޭނާގެ ހިއްސާ ބޮޑެވެ. އެގޮތުން އެ ސީޒަނުގައި ވާޓްޒް ވަނީ ލެވަކޫސަނަށް ކުޅެދިން 49 މެޗުގައި 18 ގޯލު ކާމިޔާބުކޮށް 20 އެސިސްޓް ހަދައިފަ އެވެ.
މި ސީޒަން ލެވަކޫސަން އިން ނިންމާލީ ލީގުގެ ދެވަނައިގައި އޮވެ ކަމަށްވާއިރު، ވާޓްޒް ވަނީ މި ސީޒަނުގައި އެޓީމަށް ކުޅެދިން 45 މެޗުގައި 16 ގޯލު ކާމިޔާބުކޮށް 15 އެސިސްޓް ހަދައިފަ އެވެ.
ވާޓްޒް ގެންނަން ލިވަޕޫލުން މަސައްކަތް ފެށިއިރު، ލެވަކޫސަން އަށް ކުޅެމުން އައި ނެދަލެންޑްސްގެ ފުލްބެކް، ޖެރެމީ ފްރިމްޕޮންގެ ސޮއި ލިވަޕޫލުން މިހާރު ވަނީ ހޯދައިފަ އެވެ.