ދިވެހި ހައްޖުވެރިން ފުރުމަށް ހަމަޖެހިފައިާ ދުވަސްތަކުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ޓްރެފިކް ތޮއްޖެހުން ބޮޑުވާނެ ކަމަށް ބެލެވޭތީ އެ ދުވަސްތަކުގައި އިތުރު ފުލުހުން އެއާޕޯޓުގައި ހަރަކާތްތެރިވާނެ ކަމަށް ފުލުހުން ބުނެފި އެވެ.
ދިވެހި ހައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26، 27، 29 އަދި 30 ވަނަ ދުވަހު އެވެ.
ފުލުހުން ބުނީ އެ ދުވަސްތަކުގައި އެއާޕޯޓްގައި ޓްރެފިކް ތޮއްޖެހުން ބޮޑުވާނެ ކަމަށް ބެލެވޭ ކަމަށާއި އޮމާންކަމާއެކު ޓްރެފިކް ފްލޯ ކުރިއަށް ގެންދިއުމަށް އެދުވަސްތަކުގައި އިތުރު ފުލުހުން އެއާޕޯޓްގައި ހަރަކާތްތެރިވަމުންދާނެ ކަމަށެވެ. އަދި އެއާޕޯޓުން ފުރާ އެހެން މީހުންނަށް ވެސް ޓްރެފިކް ތޮއްޖެހުމުގެ ސަބަބުން ލަސްތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމަކަށްވުމާ އެކު، އެދުވަސްތަކުގައި ފުރާ މީހުންވެސް ދުރާލާ އެއާޕޯޓަށް ގޮސް، ފުރުމުގެ އިންތިޒާމްތައް ނިންމުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
ހައްޖުވެރިންނާއެކު އެއާޕޯޓަށް ދާ މީހުންނާއި ދަތުރުކުރާ އުޅަނދުތައް ދުއްވާ މީހުންވެސް ފުލުހުންގެ އިރުޝާދުތަކަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އެދިފައިވެ އެވެ.
ކަލަންޑަރުގައިވާ ގޮތުން، މި އަހަރުގެ ހައްޖު ދުވަސް ވާނީ އަންނަ މަހުގެ 5 ވަނަ ދުވަހަށެވެ.