ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މަދުން ހޭ ބަޔަކު ކަމުގައި އަދި ގިނަގިނައިން ރޯބަޔަކު ކަމުގައި ވާށެވެ. ޤިޔާމަތް ދުވަހު ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހިޔާވަހިކަން ފިޔަވައި އެހެން އެއްވެސް ފަރާތެއްގެ ހިޔާވަހިކަން ނުވާދުވަހު އެކަލާނގެ ޢަރުޝީގެ ހިޔާވަހިކަން ދެއްވާ ހަތް ބައެއްގެ ތެރެއިން އެއްބަޔަކީ އެކަނި ހުރެ ﷲ ހަދުމަކުރުމުގެ ސަބަބުން އެމީހެއްގެ ލޯ ކަރުނައިން ފުރާލެވޭ މީހާ އެވެ. (ބުޚާރީ އާއި މުސްލިމް)
އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ރިވާ ކުރައްވާފައިވެ އެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެ އެވެ.
ދެ ލޮލެއް ވަނީ ނަރަކައިގެ އަލިފާނަށް މަނާވެގެންނެވެ. އެއީ ﷲ އަށް ބިރުވެތިވުމުގެ ސަބަބުން ރޮއެފައިވާ ލޮލަކާއި އަދި އިސްލާމް ދީން ޙިމާޔަތް ކޮށް އެ މީހެއްގެ ޢާއިލާ ކުފުރުން ސަލާމަތް ކުރުމަށްޓަކައި ރޭގަނޑު ނުނިދާ ހޭދަކޮށްފައި ވާލޮލެކެވެ. (އަލް ޙާކިމް)
އަނަސް ރަޟިޔަﷲ ޢަންހު ރިވާކުރެއްވި އެވެ. ﷲ ގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވި އެވެ.
"އޭމީސްތަކުންނޭވެ ތިޔަބައިމީހުން ރޯށެވެ. ތިޔަބައިމީހުންނަށް ނުރޮވޭނަމަ ގަދަކަމުން ވެސް ރޯށެވެ. ހަމަކަށަވަރުން ނަރަކައިގެ އަހުލުވެރިން އެމީހުންގެ ކޯތާފަތް މަތީގައި ކަރުނައިގެ ކޯރުތަކެއް ވާފަދައިން ރޯނެއެވެ. އަދި އެމީހުންގެ ލޮލުން ކަރުނަ ހުސްވެ ލޭ އޮހެރެންދެން ނެވެ. އަދި އެބައިމީހުންގެ ލޯތައް ވާނީ ފާރުވެގެން ނެވެ. (އައް ތަރްޣީބް ވައްތަރުޙީބް)
ވީމާ ރަސޫލުއް ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަޅުގަނޑުމެންނަށް ރުއިމަށް އަމުރު ކުރައްވާ ފައި ވާ ގޮތާއި މެދު ވިސްނާށެވެ. މި ޙަދީޘް އަޑުއިވުމުން ވެސް އަޅުގަނޑުމެންގެ ހިތްތަކަށް އަސަރު ނުކުރާ ނަމަ އަޅުގަނޑުމެންގެ އީމާންކަން ވަރަށް ބަލިކަށްޓެވެ. އަދި ދުނިޔެ ވަނީ އަޅުގަނޑުމެންގެ ހިތްތަކަށް ވެރިވެފައިކަން ކަށަވަރެވެ. އަދި ނަފްސު ވަނީ ނުރައްކަލަށް ހުށަހެޅިފަ އެވެ.
އިސްވެދިޔަ ޙަދީޘްގައިވާ ޢަޒާބުން އަޅުގަނޑުމެން ސަލާމަތްވެގެން ވާކަމުގެ އެއްވެސް ޔަޤީން ކަމެއް އަޅުގަނޑުމެންނަށް އެބައޮތްތޯ އެވެ؟ އަޅުގަނޑުމެންނަށް ސުވަރުގެ ލިބޭނެ ކަމުގެ ޔަޤީން ކަން އެބައޮތްތޯ އެވެ؟ ވީމާ ފާފަތަކަށްޓަކައި ރޮއެ ކަރުނަ އޮއްސާށެވެ. އެކަމުން ފައިދާ ކުރާނެ އެވެ. ލޭކަރުނަ އޮއްސަން ޖެހޭދު ވަސް އައުމުގެ ކުރިން ދުނިޔޭގައި ﷲ އަށް ބިރުވެތިވެ ގިނަ ގިނައިން ކަރުނަ އޮހޮރާށެވެ. އެ ދުވަހަކުން އޮއްސާ ލޭކަރުނައަކުން އެއްވެސް ފައިދާއެއް ނުކުރާނެ އެވެ.
މަސްދަރު: ނޫރުލްއިސްލާމް