ވަރޫން ދަވަން ހިމަނައިގެން އޭނަގެ ބައްޕަ، ޑޭވިޑް ދަވަން ޑައިރެކްޓްކުރާ އާ ފިލްމު "ހެ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ" އަންނަ އަހަރަށް ފަސްކޮށްފި އެވެ.
ޕްރޮޑިއުސަރު ރަމޭޝް ތައުރާނީގެ ޓިޕްސް އަށް ހަދާ މި ރޮމޭންޓިކް ކޮމެޑީ ރިލީޒްކުރަން ކުރިން ނިންމާފައި އޮތީ މި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. ނަމަވެސް ފިލްމުގެ ޓީމުން އޭގެ ޓައިޓްލް ލޯގޯ، ރޭ ހިއްސާކޮށް ބުނީ "ހެ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ" ބެލުންތެރިންނަށް ގެނެސްދޭނީ އަންނަ އަހަރުގެ އެޕްރީލް 10 ގައި ކަމަށެވެ.
މި ފިލްމަކީ ބައްޕައާ އެކީ ވަރޫން މަސައްކަތްކުރާ ހަތަރު ވަނަ ފިލްމެވެ. ދެބަފައިން އެކީގައި އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2020 ގެ "ކޫލީ ނަމްބަރު 1" އެވެ. ދަރިފުޅާ އެކު ޑޭވިޑް ދެން ގެނެސްދިން ފިލްމުތަކަކީ "ޖުޅުވާ 2" އާއި "މޭ ތޭރާ ހީރޯ" އެވެ.
ކާމިޔާބު ގިނަ ފިލްމުތަކެއް ގެނެސްދީފައިވާ ޑޭވިޑްގެ "ހެ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ" އިންޑިއާގެ ޝޫޓިން ޝެޑިއުލް އަށް މީގެ ޝޫޓިން މިހާރު ސްކޮޓްލޭންޑްގައި ކުރިއަށްދާ އިރު، މީގެ ލީޑް ބަތަލާއިންނަކީ މުރްނާލް ތާކޫރާއި ޕޫޖާ ހެގްޅޭ އެވެ. ފިލްމުން ފެންނާނެ ކާސްޓުންގެ ތެރޭގައި ޖިމީ ޝެރްގިލް، ކުބްރާ ސައިތު، މޯނީ ރޯއި، ޗަންކީ ޕާންޑޭ، ރޯހިތު ސަރަފް، މަނީޝް ޕޯލް، އަލީ އަސްގަރް އަދި ރަޖީވް ކަންޑެލްވާލް (ސޫޖަލް) ހިމެނެ އެވެ.
"ހެ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ" ގެ ޓައިޓްލް ނަގާފައި ވަނީ ޑޭވިޑް 1999 ގައި ސަލްމާން ޚާނާއި ކަރިޝްމާ ކަޕޫރްގެ އިތުރުން ސުޝްމިތާ ސެންއާ އެކު ގެނެސްދިން ކާމިޔާބު ފިލްމު "ބީވީ ނަމްބަރު 1" ގެ ލަވައަކުންނެވެ.