Last Updated: May 25, 10:51
Sunday, May 25, 2025
ޚަބަރު

ލޯކަލް ކައުންސިލް އިންތިހާބު އެޕްރީލްގައި

ލޯކަލް ކައުންސިލް އިންތިހާބު އަންނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ބާއްވަން ހަމަޖެހިފައިވާތީ އެކަމުގެ ތައްޔާރީތައް މިހާރު ވެސް ވަމުން އަންނަ އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އެ ކޮމިޝަންގެ މިހާރުގެ ރައީސް މުޙައްމަދު ޒާހިދު ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި ވިދާޅުވީ ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަކީ ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ކެންޑިޑޭޓުން ކުރިމަތިލާ އިންތިޚާބަށްވާތީ އެ އިންތިޚާބަށް ވަރަށް ބޮޑު އިސްކަމެއް ދީގެން މިހާރު މަސައްކަތްތައް ފަށާފައިވާ ކަމަށެވެ.

ޒާހިދު ވިދާޅުވީ ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން އިންތިހާބީ ދާއިރާތަކަށް ކެންޑިޑޭޓުން ކަނޑައެޅުމަށް ބޭނުންވާ މައުލޫމާތު ހޯދުމުގެ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި ގާނޫނާއި ގަވާއިދުތަކަށް ގެންނަން ޖެހޭ އިސްލާހުތަކެއް ގެނައުމުގެ މަސައްކަތްތައް ވެސް ކުރަމުން އަންނަ ކަމަށް ވިދާޅުވި ވެ.

ޒާހިދު ވިދާޅުވީ ކައުންސިލް އިންތިޚާބަށް ތައްޔާރުވާ އިރު އީސީ އަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަން ކަމަށެވެ.

"ކުރީ އިންތިޚާބުތަކާއި މި އިންތިޚާބާ އަޅާބަލާ އިރު ކުރަން ޖެހޭ މަސައްކަތާއި ޑިޖިޓަލައިޒްކޮށްގެން ކުރާ މަސައްކަތުގެ ތެރެއިން ކޮން ކަމެއްގައިތޯ ޚަރަދުގެ ގޮތުން ކުޑަކޮށް ކިހިނެތްތޯ ކުރެވޭނީ މިކަންކަން ބެލުމުގެ މަސައްކަތް އެބަ ކުރިއަށް ދޭ." އޭނަ ވިދާޅުވި އެވެ.

ޒާހިދު ވިދާޅުވީ އަންނަ އަހަރުގެ އޭޕްރިލް މަހު ބާއްވަން ނިންމާފައިވާ އިންތިޚާބުގައި ވޯޓުލުމާއި ގުނުން ފިޔަވައި އެހެން ހުރިހާ ކަމެއް ޑިޖިޓަލްކޮށް، ރައްޔިތުންނަށް ލުއި ފަސޭހަ ގޮތްތައް ހޯދުމުގެ މަސައްކަތްތައް ވެސް ކުރަމުން އަންނަ ކަމަށެވެ.