Last Updated: May 25, 11:18
Sunday, May 25, 2025
މުނިފޫހިފިލުވުން

ދިޕިކާގެ ސާޖަރީ އަންނަ ހަފުތާގައި

ދިޕިކާ އާއި ފިރިމީހާ ޝުއައިބް.

ފުރަމޭގައި ޓިއުމަރެއް އުފެދިފައިވާ އިންޑިއާގެ ބަތަލާ ދިޕިކާ ކައްކަރްގެ އަންނަ ހަފުތާގެ ތެރޭގައި ސާޖަރީއެއް ހަދައި ޓިއުމަރު ނަގާނެ ކަމަށް ފިރިމީހާ، އެކްޓަރު ޝުއައިބް އިބްރާހީމް ބުނެފި އެވެ.

އިންސްޓަގްރާމް ސްޓޯރީގައި އެ ވާހަކަ ހިއްސާކޮށް އޭނަ ބުނީ ކުއްލި ގޮތަކަށް ދިމާވި ސިއްހީ މައްސަލައިގެ ސަބަބުން ފާއިތުވެ މިދިޔަ ދިޔަ ދުވަސްތަކުގައި އަންހެނުން އުޅުނީ ވަރަށް ބަލިކޮށް ކަމަށެވެ. އެގޮތުން ވަރަށް ގަދައަށް ހުން އައުމާ ގުޅިގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދިނުމަށް ފަހު، މިހާރު ދޫކޮށްލާފައިވާ ކަމަށް ބުންޏެވެ.

ޝުއައިބް މިދިޔަ ހަފުތާގައި ކިޔައި ދިން ގޮތުގައި ދިޕިކާގެ ފުރަމޭގައި ޓިއުމަރެއް އުފެދިފައިވާކަން އެނގުނީ މި މަހުގެ ކުރީކޮޅު ކަމަށެވެ. އަދި މިއީ އާއިލާ އަށް ލިބުނު ވަރަށް ބޮޑު ޝޮކެއް ކަމަށް ބުންޏެވެ.

މިހާރު ތިން އަހަރަށްދާ ފިރިހެން ކުއްޖަކު ވެސް ހުރި ދިޕިކާ، 38، އާއި ޝުއައިބް، 37، ކައިވެނިކުރީ 2018 ގަ އެވެ.

ދިޕިކާ އަކީ މަގުބޫލު ސިލްސިލާތައް ކަމަށްވާ "ސަސުރާލު ސިމަރު ކާ" އާއި "ކަހާ ހަމް، ކަހާ ތުމް" ގެ ބަތަލާ އެވެ. ދާދި ފަހުން ކަލާސް ޓީވީން ނިންމައިލި "ސެލެބްރިޓީ މާސްޓަޝެފް" ގައި އޭނަ ވާދަކޮށްފައިވާ އިރު، މަޝްހޫރު ރިއަލިޓީ ޝޯ "ބިގް ބޮސް" ސީޒަން 12 ގައި ވާދަކޮށް އެ ޝޯ ކާމިޔާބު ވެސް ކޮށްފައިވެ އެވެ.