Last Updated: May 26, 06:44
Monday, May 26, 2025
ޚަބަރު

ސަރުކާރުން ކައުންސިލްތަކަށް އިހުތިރާމު ކުރަން ޖެހޭ

ލާމަރުކަޒީ ނިޒާމު ކުރިއަށް ގެންދެވޭނީ ސަރުކާރުން ކައުންސިލްތަކަށް އިހުތިރާމުކޮށްގެން ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

މާލެ ސިޓީ ކައުންސިލާއި މޯލްޑިވްސް ލޯކަން ކައުންސިލް އެސޯސިއޭޝަން (އެމްއެލްސީއޭ) ގުޅިގެން އިންތިޒާމުކޮށްގެން މިއަދު މާލޭގައި ފެށި "ކައުންސިލްތަކުގެ އަހަރީ އާންމު ކޮންފަރެންސް" ގައި އޭނަ ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުންތަކާއި އޭގެ ހައްލު އެންމެ ފުރިހަމަ ގޮތުގައި ހޯދޭ ނިޒާމަކީ ލާމަރުކަޒީ ނިޒާމު ކަމަށާއި. ވަކިވަކިވުމާއި ބާކީ ކުރުން އެއީ އެ ނިޒާމު ދަންނަ ކަންކަމެއް ނޫން ކަމަށެވެ.

"ގައުމީ ތަރައްގީގައި އިސްކަންދޭ ތަރުތީބުގެ ތެރެއިން ރަށްފުށުގެ ތަރައްގީ ވައްދައިގެން ނޫނީ ދެމެހެއްޓެނިވި ތަރައްގީ ނުހޯދޭނެ،" އާޒިމް ވިދާޅުވި އެވެ. "މިކަން ހާސިލު ކުރެވޭނީ މައި ސަރުކާރާއި ރަށްފުށުގެ ކައުންސިލްތަކާއި އިހުތިރާމު ލިބިގެންވާ އީޖާބީ ގުޅުމެއް ގާއިމުވެފައި އޮވެގެން."

އޭނަ ވިދާޅުވި ގޮތުގައި ގައުމުގައި ކަނޑައެޅިފައި ހުންނަ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލު ކުރެވޭނީ އެފަދަ ވެށްޓެއް ގާއިމު ކުރެވިފައި އޮވެގެން ކަމަށެވެ. އެގޮތުން ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ފުރިހަމައަށް ހިންގައިގެން ރައްޔިތުންނަށް ބާއްޖަވެރި އުފާވެރި މުސްތަގުބަލެއް ފެންނަން އޮތް ކަމަށް ވިދާޅުވި އެވެ.

މިއަދު ފެށި "ކައުންސިލްތަކުގެ އަހަރީ އާންމު ކޮންފަރެންސް" ގައި ރާއްޖޭގެ ހުރިހާ ކައުންސިލްތަކަކާއި ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކާއި ބޭރުގެ ބައެއް ޖަމިއްޔާ ޖަމާއަތްތަކުން ވެސް ބައިވެރިވެ އެވެ.

އެ ކޮންފަރެންސްގައި ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކޮށް ކުރިއެރުވޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރާނެ އެވެ. ކޮންފަރެންސް ކުރިއަށް ދާނީ މިއަދުން ފެށިގެން މި މަހުގެ 28 އާ ހަމައަށެވެ.