Last Updated: May 26, 09:01
Monday, May 26, 2025
ޚަބަރު

ޔުމްނުގެ ބަޔާން ނަގަން ފުލުހުން ރަސްމީކޮށް ނޭދޭ: އާއިލާ

މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީ ގެއިން ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ ބަޔާން ނަގަން ރަސްމީކޮށް ފުލުހުން އެދިފައި ނުވާ ކަމަށް އޭނާގެ އާއިލާއިން ބުނެފި އެވެ.

މި ހާދިސާގައި ލިބުނު އަނިޔާތަކާއި ގުޅިގެން ޔުމްނު އަންނަނީ މެލޭޝިއާގައި އިތުރު ފަރުވާ ހޯދަމުންނެވެ.

ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގަށް އޭނާގެ އާއިލާގެ ފަރާތުން އެއްބާރުލުން ނުދޭތީ ޔުމްނުގެ ބަޔާން މެލޭޝިއާ ފުލުހުންނާ ގުޅިގެން ނެގުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވަނީ މިދިޔަ ބުދަ ދުވަހު ބުނެފަ އެވެ. ޔުމްނު ފަރުވާއަށް މެލޭޝިއާއަށް ގެންދިޔަ ދުވަހުން ފެށިގެން ދިވެހި ދެ ފުލުހުން މެލޭޝިއާގައި ހަރަކާތްތެރި ވަމުން އަންނަ ކަމަށާއި އޭގެ ތެރެއިން އެއް ފުލުހަކީ މެޑިކަލް ޑޮކްޓަރެއް ކަމަށްވެސް ފުލުހުން ބުންޏެވެ.

އެކަމާ ގުޅިގެން ޔުމްނުގެ އާއިލާގެ ފަރާތުން އެކްޓިން ޕޮލިސް ކޮމިޝަނަރު ޑެޕިޔުޓީ ޕޮލިސް ކޮމިޝަނާ އިސްމާއިލް ނަވީންއަށް މިއަދު ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ފުލުހުން ނެރުނު ބަޔާނުގައި ހިމަނާފައިވާ މައުލޫމާތަކީ ސައްހަ މައުލޫމާތު ނޫން ކަމަށެވެ.

އެގޮތުން، ފުލުހުން މީޑިއާތަކަށް މައުލޫމާތު ދީފައިވަނީ ކަންހިނގި ގޮތާ ކަނޑައެޅިގެން ހިލާފަށް ކަމަށާއި، މައްސަލައިގެ ތަހުގީގެއް ނުހިންގައި، ޔުމްނު ވެއްޓުނީ އަމިއްލަ އަށް ކަމަށް ފުލުހުން ބުނީ ވަކި މަގުސަދެއްގައި ކަމަށް ސިޓީގައި ބުނެފައިވެ އެވެ.

އަދި، ތަހުގީގުގެ އެންމެ ނާޒުކު ދަނޑިވަޅުގައި ފުލުހުން އަމަލުކޮށްފައިވާގޮތުން އިންސާފުވެރިކަމާއެކު ތަހުގީގު ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ނެތް ކަމަށާއި ރާއްޖޭގެ ގާނޫނާއި ގަވާއިދަށް ތަބާވުމުގެ ގޮތުން ފުލުހުން ކުރިއަށް ގެންދާ އެއްވެސް ތަހުގީގަކަށް އާއިލާގެ ފަރާތުން ހުރަސްނާޅާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މީގެއިތުރުން، ޔުމްނުގެ ބަޔާނެއް ނެގުމަށްޓަކާ ރަސްމީކޮށް ލިޔުމުން އަންގައިފި ނަމަ އެކަމަށް އާއިލާގެ ފަރާތުން ޖަވާބުދާރީވާނެ ކަމަށްވެސް ބުނެފައިވެ އެވެ.

"ޔުމްނު ރަޝީދަށް ލިބިފައިވާ އަނިޔާތަކާ ގުޅިގެން އޭނާ މިވަގުުތު އޮތީ ތަހުގީގަށް ބަޔާން ދެވޭ ފަދަ ހާލަތެއްގައި ނޫންކަން ޑޮކްޓަރުންގެ ރަސްމީ ލިޔުންތަކުން ވެސް އެނގެން އޮތްކަމުގައި ދަންނަވަމެވެ،" ޔުމްނުގެ އާއިލާއިން ފޮނުވި ސިޓީގައި ވެ އެވެ.