Last Updated: May 26, 06:44
Monday, May 26, 2025
މުނިފޫހިފިލުވުން

'ސްޕިރިޓް' އަށް ނެގީ ޓްރިޕްތީ

ފީގެ މައްސަލައިގައި ދީޕިކާ ޕަދްކޯންއާ އެކު އެއްބަސްވުމަކަޡް ނާދެވުމާ ގުޅިގެން ޕްރަބާސްގެ ފިލްމު "ސްޕިރިޓް" ގެ ބަތަލާގެ ރޯލަށް ޓްރިޕްތީ ދިމްރީ ނަގައިފި އެވެ.

މިކަން މިއަދު އެ ފިލްމުގެ ޓީމުން ވަނީ ރަސްމީކޮށް އިއުލާން ވެސްކޮށްފަ އެވެ.

ފާހަގަކޮށްލެވޭ ކަމަކީ "ސްޕިރިޓް" އަށް ޓްރިޕްތީ ނެގި އިރު، މި ފިލްމުގެ ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާ އެންމެ ފަހުން ގެނެސްދިން ފިލްމު ކަމަށްވާ 2023 ގެ "އެނިމަލް" ގެ ރޯލެއް ވެސް ޒުވާން ބަތަލާ ކުޅެފައިވާކަމެވެ. ރަންބީރް ކަޕޫރް ބަތަލުގެ ރޯލު ކުޅުނު ފިލްމުގައި ޓްރިޕްތީ ކުޅުނު ޖެހިލުން ކުޑަ "ބޯލްޑް" ކެރެކްޓާގެ ސަބަބުން އޭނަގެ މަޝްހޫރުކަމާއި މަގުބޫލުކަން ވަރަށް ބޮޑަށް އިތުރުވެ، ގިނަ ހުށަހެޅުންތަކެއް ވެސް އޮހެން ފެށި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޓްރިޕްތީ ފުލުހެއްގެ ރޯލު ކުޅެން ހަމަޖެހިފައިވާ "ސްޕިރިޓް" ގެ ޝޫޓިން ފަށާނީ މި އަހަރުގެ އޮކްޓޯބަރު މަހުގަ އެވެ.

ޓްރިޕްތީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ސިދާންތު ޗަތުރަވެދީގެ "ދަޅަކް" އާއި ޝާހިދު ކަޕޫރާ އެކީ ކުޅޭ ފިލްމެއް ހިމެނެ އެެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ ކާތިކް އާރިއަނާ އެކު ކުޅުނު މިދިޔަ އަހަރުގެ "ބޫލް ބުލައްޔާ 3" އެވެ.