Last Updated: May 26, 09:11
Monday, May 26, 2025
ޚަބަރު

ރައްޔިތުންގެ ތަކުލީފުތަކަށް ލުއި ހޯދައިދޭން މަސައްކަތް އެބަކުރޭ

ރައްޔިތުންގެ އެކި ތަކުލީފުތަކަށް ލުއި ހޯދައިދޭން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ށ. ގޮއިދޫގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އާދަމް ޝަރީފް ވިދާޅުވީ ފައިސާ ނެގުމުގައި ދިމާވާ ދަތިތައް ފަދަ ރައްޔިތުން އުފުލަންޖެހޭ އެކިއެކި ތަކުލީފުތަކަށް ލުއި ހޯދައިދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ

އެގޮތުން މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ވަރަށް އަވަސްކަމާއެކު ކުރިއަށްދާކަން ފާހަގަކުރެއްވި އެވެ. އަދި ރައްޔިތުންނަށް ބޭނުންވާ މުހިންމު ޚިދުމަތްތައް ޤާއިމުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަހަންމިއްޔަތުކަން ދެއްވާ ކަމަށްވެސް ވިދާޅުވި އެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި އޭޓީއެމް ޚިދުމަތް ދިނުމަށް ބޭންކް އޮފް މޯލްޑިވްސް އަދި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މަޝްރޫޢުގެ ތެރެއިން މިހާތަނަށް ހއ. އަތޮޅާއި ދ. އަތޮޅާއި ނ. އަތޮޅާއި މ. އަތޮޅުގެ އިތުރުން ކ. އަތޮޅާއި ށ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި އޭޓީއެމް ޚިދުމަތް ދޭން ވަނީ ފަށައިފަ އެވެ.