Last Updated: May 26, 06:44
Monday, May 26, 2025
ޚަބަރު

އިމިގްރޭޝަނުން ބޮޑީ ކެމެރާ ބޭނުން ކުރަން ފަށައިފި

މޯލްޑިވްސް އިމިގްރޭޝަންގެ އޮފިސަރުން ފުރަތަމަ ފަހަރަށް ބޮޑީ ކެމެރާ ބޭނުންކުރަން ފަށައިފި އެވެ.

އިމިގްރޭޝަނުން ބުނި ގޮތުގައި ބޮޑީ ކެމެރާ ބޭނުންކުރަން ފެށީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށްޓަކައި ޓާސްކް ފޯސްއިން މިއަދު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި ކަމަށެވެ.

ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ތިން ބިދޭސީއަކު މި އޮޕަރޭޝަންގައި ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.

ހޯމް މިނިސްޓްރީ އާއި، އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ދަނީ ގަވާއިދާ ޚިލާފަށް އުޅެމުންދާ އަދި ވިޔަފާރިކުރަމުންދާ ބިދޭސީން ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފަށް ވިޔަފާރިތަކުގެ ތެރޭގައްޔާއި އެހެނިހެން ކަންކަމުގައި ޙަރަކާތްތެރިވަމުންދާ ބިދޭސީންނަށް އިތުރު ފުރުސަތެއް ދިނުމެއް ނެތި ޑީޕޯޓުކުރުމުގެ މަސައްކަތް ގެންދަނީ ކުރަމުންނެވެ. އެގޮތުން މިހާތަނަށް 6،000 އަށްވުރެ ގިނަ ބިދޭސީން ވަނީ އަނބުރާ އެމީހުން ނިސްބަތްވާ ޤައުމުތަކަށް ފޮނުވާލާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާ ގުޅޭ މައްސަލަތައް ހުށައެޅުމަށް "އިމިގްރޭޝަން ވޮޗް"ގެ ނަމުގައި އޮންލައިން ޕްލެޓްފޯމެއް ވެސް ވަނީ ޤާއިމްކޮށްފަ އެވެ. އިމިގްރޭޝަން ވޮޗަށް މިހާތަނަށް 1297 އަށްވުރެ ގިނަ މައްސަލަ ހުށަހަޅާފައިވެ އެވެ.