Last Updated: May 26, 06:44
Monday, May 26, 2025
ކުޅިވަރު

އަށް އަހަރަށް ފަހު ސަންޑަލޭންޑް ޕްރިމިއާ ލީގަށް

އިނގިރޭސި ޕްރިމިއާ ލީގުގެ ޕްލޭއޮފް މެޗުން 2-1 އިން ޝެފީލްޑް ޔުނައިޓެޑް ބަލިކޮށް 8 އަހަރަށް ފަހު ސަންޑަލޭންޑް އިނގިރޭސި ޕްރިމިއާ ލީގުން ފުރުސަތު ހޯދައިފި އެވެ.

ސަންޑަލޭންޑް އެންމެފަހުން ޕްރިމިއާ ލީގުގައި ކުޅުނީ 2017 ވަނަ އަހަރު އެވެ.

ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު ޕްލޭއޮފް ފައިނަލްގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ޝެފީލްޑުންނެވެ. މި ގޯލު މެޗުގެ 25 ވަނަ މިނެޓްގައި ޝެފީލްޑަށް ކާމިޔާބުކޮށްދިނީ ޓައިރީސް ކެމްޕްބެލް އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޝެފީލްޑުން އިތުރު ގޯލެއް ކާމިޔާބުކުރި ނަމަވެސް ވީއޭއާރް ބެލުމަށްފަހު ރެފްރީ ވަނީ އެ ގޯލު ކެންސަލްކޮށްފަ އެވެ.

ސަންޑަލޭންޑަށް ނަތީޖާ އެއްވަރުކޮށްދިނީ މެޗުގެ 76 ވަނަ މިނެޓްގައި އެލީޒާ މަޔެންޑާ އެވެ. އަދި މި މެޗުން މޮޅުވި ގޯލު ސަންޑަލޭންޑަށް މެޗުގެ ފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ އުމުރުން 19 އަހަރުގެ ޓޮމް ވޮޓްސަން އެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ޝެފީލްޑްގެ އޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.

ސަންޑަލޭންޑްގެ އިތުރުން އަންނަ ސީޒަނުގެ ޕްރިމިއާ ލީގަށް އިނގިރޭސި ދެވަނަ ޑިވިޝަނުން ޕްރޮމޯޓްވެފައިވަނީ ބާންލީ އާއި ލީޑްސް ޔުނައިޓެޑެވެ.