Last Updated: May 31, 09:18
Saturday, May 31, 2025
ޚަބަރު

އަންނަ އަހަރަކީ ގައުމީ އުފެއްދުންތެރިކަމުގެ ހާއްސަ އަހަރު

އަންނަ އަހަރަކީ ގައުމީ އުފެއްދުންތެރިކަމުގެ އަހަރެއްގެ ގޮތުގައި ކަނޑައެޅުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަަހައްދުގައި ކުރިއަށްދާ ދިވެހިންގެ އުފެއްދުންތެރިކަމުގެ މަޢުރަޒަށް ރޭ ކުރެއްވި ޒިޔާރަތުގައި ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ވިދާޅުވީ މުޅި އަންނަ އަހަރަކީ ގައުމީ އުފެއްދުންތެރިކަމުގެ އަހަރެއްގެ ގޮތުގައި ކަނޑައެޅުމަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރަން ލިޔެކިޔުންތައް ތައްޔާރުކުރަން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް ދަންނަވާފައިވާނެ ކަމަށެވެ.

މިގޮތަށް މިކަން ކުރުމުން 2030 އާއި ހަމައަށް ދާއިރު ރާއްޖޭގެ އުފެއްދުންތެރިކަމުގެ 15 ޕަސެންޓަކީ ކްރިއޭޓިވް އިންޑަސްޓްރީއަށް ހެދުމަށް ވެވަޑައިގެންނެވި ވައުދު ފުއްދުމަށް ވެސް އިތުރު ހިތްވަރަކަށް ވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން އަންނަ އަހަރަށް ބަޖެޓު ހަދާއިރު މިކަން ކުރުމަށް ފައިސާ ހަމަޖައްސާނެ ކަމަށާއި މި މައުރަޒުގައި ބައިވެރިވި ފަރާތްތަކާއެކު ސަރުކާރު ދެމި އޮންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަމިއްލަ މުއްސަނދިކަމާއި ގައުމަށް މުއްސަނދިކަން ހޯދައިދިނުމުގައި އަޅުގަނޑުމެން އެންމެން އެކުގައޭ ކުރިއަށްދާނީ،" ރައީސް ވިދާޅުވި އެވެ.

މި މައުރަޒަކީ ވަރަށް ކާމިޔާބު މައުރަޒެއް ކަމަށާއި ސަރުކާރުގެ މަގުސަދަކީ ދިވެހިންގެ އުފެއްދުންތެރިކަމަށް ފުރުސަތު ދިނުން ކަމަށްވާއިރު، އޭގެ ބޭނުން ވަރަށް ގިނަ ފަރާތްތަކުން ވަރަށް ފުޅާކޮށް ހިފައިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. މިއީ ފެށުމެއް ކަމަށާއި ކްރިއޭޓިވް އިކޮނޮމީއެއް ގާއިމުކުރުމަކީ އެމަނިކުފާނުގެ ވަރަށް މުހިއްމު ވައުދެއްކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.

މި މަޢުރަޒުގައި ހދ އަތޮޅުން ފެށިގެން ލ އަތޮޅާއި ހަމައަށް ގިނަ ރަށްތަކަކުން ބައިވެރިވެފައިވެ އެވެ. މަޢުރަޒުގައި އެންމެ ގިނަ ތަކެތި ބައިވެރިކޮށްފައިވަނީ މާލެއާއި ބ.ތުޅާދޫ އިންނެވެ. މަޢުރަޒުގައި 3600އަށްވުރެ ގިނަ ތަކެތި ބައިވެރި ކުރުމަށް އެޕްލިކޭޝަން ފޯމް ފުރާފައިވެ އެވެ.

މިހާތަނަށް ރާއްޖޭގައި ބޭއްވޭ އުފެއްދުންތެރިކަމުގެ އެންމެ ބޮޑު މި މަޢުރަޒު، އިންތިޒާމްކޮށް ކުރިއަށް ގެންދަނީ، އިކޮނޮމިކް މިނިސްޓްރީ އާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) ގުޅިގެންނެވެ.