ފައިނަލުގައި ރޭ ރެއިމްސް 3-0 އިން ބަލިކޮށް ޕީއެސްޖީން ފްރެންޗް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
މިއީ ޕީއެސްޖީން ފްރެންޗު ކަޕް ކާމިޔާބުކުރި 16 ވަނަ ފަހަރެވެ. ޕީއެސްޖީން ވަނީ ފްރެންޗް ލީގު ވެސް މިދިޔަ މަހު ކާމިޔާބުކޮށްފަ އެވެ. އަދި އަންނަ ހޮނިހިރު ދުވަހު ޕީއެސްޖީން ޗެމްޕިއަންސް ލީގުގެ ފައިނަލްގައި އިންޓަ މިލާންއާ ދެކޮޅަށް ނިކުންނާނެ އެވެ.
ފައިނަލް މެޗުގައި ފެނިގެންދިޔަ ފުރަތަމަ ގޯލު މެޗުގެ 16 ވަނަ މިނެޓްގައި ޕީއެސްޖީއަށް ކާމިޔާބުކޮށްދިނީ ބްރޭޑްލީ ބާކޯލާ އެވެ. މިއީ ޑުއޭ ދިން ޕާހަކުން ރެއިމްސްގެ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާއަކުން ބާކޯލާ ކާމިޔާބުކުރި ގޯލެކެވެ. އަދި އޭގެ ތިން މިނެޓް ފަހުން ޕީއެސްޖީގެ ދެވަނަ ގޯލުވެސް ކާމިޔާބުކޮށްދިނީ ބާކޯލާ އެވެ.
ބާކޯލާ ތަނަވަސްކޮށްދިން ފުރުސަތަކުން މެޗުގެ 43 ވަނަ މިނެޓްގައި ޕީއެސްޖީގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ އަޝްރަފް ހަކީމީ އެވެ.
ދެވަނަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް މި ހާފުގައި ވެސް އިތުރު ގޯލުތަކެއް ކާމިޔާބުކުރަން ޕީއެސްޖީއަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައިވެ އެވެ.