Last Updated: May 31, 09:27
Saturday, May 31, 2025
ޚަބަރު

ކުރީގެ ރައީސުންނަށް ދޭ އިނާޔަތް ކަނޑާލަން ޖެހޭ

ރާއްޖޭގައި ކުރިން ރައީސްކަންކޮށްފައިވާ ބައެއް ބޭފުޅުންނަށް ދައުލަތުން ދޭ އިނާޔާތް ކަނޑާލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީގެ މެންބަރު އިބްރާހީމްދީދީ (އައިބީ) ވިދާޅިވެއްޖެ އެވެ.

ފޭދޫ ޕީއެންސީ އޮފީހުގައި ރޭ ބެއްވި ޖަލްސާގައި އޭނަ ވިދާޅުވީ ކުރީގެ ރައީސުންނަށް އިނާޔަތް ދޭން ޖެހޭ ކަމަށް ގަބޫލު ވެސް ނުކުރައްވާ ކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް ބޭފުޅުންނަކީ ގައުމު މަސްލަހަތާ މެދު ވިސްނާވަވަޑައިގަންނަވާ ބޭފުޅުން ނޫން ކަމަށާއި ބައެއް ބޭފުޅުން މަސައްކަތް ކުރައްވަނީ ސީދާ ގައުމު ހަލަބޮލި ކުރައްވަނަ ކަމަށް ވިދާޅުވި އެވެ.

"ކުރީގައި ވެރިކަންކޮށްފައި ތިއްބެވި ބޭފުޅުން އެބަ ޖެހޭ މިހާރު މި ގައުމު ވައްޓާލާފައި އޮތް އަނދަވަޅުން ނަގައި ކޮޅަށް ޖެހުމަށްޓަކައި މަސައްކަތް ކުރަން. ކިރިޔާ ވެސް އިހުލާސްތެރި ކަމެއް ތި ބޭފުޅުންގެ އޮތިއްޔާ، ކިރިޔާ ވެސް ތެދުވެރިކަމެއް އޮތިއްޔާ، ކިރިޔާ ވެސް ހެޔޮ ނިޔަތެއް އޮތިއްޔާ މައިތިރިވެގެން ތިބެބަލަ." އައިބީ ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ ގައުމުގެ ކަންކަން ރަނގަޅުކޮށް ކުރިއަށް ގެންދަން އެހީތެރިކަމާއި ހެޔޮ ނަސޭހަތާއި ހެޔޮ ވާހަކަތަކާއި އެއްބާރުލުން ނުދެއްވޭ ނަމަ އެ ބޭފުޅުން އިތުރަށް ހަލަބޮލި ކުރަން މަސައްކަތް ކުރައްވައިގެން ނުވާނެ ކަމަށެވެ.

"ގައުމުގެ ހާލަތު އިތުރަށް ގޯސްކޮށް، ރައްޔިތުންގެ ބޮލުގައި އިތުރު ދަރަނިތައް އަޅުވަން މަސައްކަތް ނުކޮށް މައިތިރިވެގެން ގޭގައި ތިވެންވެއްޖެނު،' ވަރަށް ޖޯޝްގައި ވާހަކަ ދައްކަވަމުން އައިބީ ވިދާޅުވި އެވެ. "ކުރީގެ ވެރިންނަށްވީތީވެ ދައުލަތުން ދޭން ޖެހޭ ހުރިހާ އެެއްޗެއް އެބަދޭ. އެކަމަކު އެއީ ދޭން އެއްޗެއް ވެސް ނޫން. އެކަމަކު އެބަދޭ."

އޭނަ ވިދާޅުވީ ކުރީގެ ގައުމު ފަސާދަ ކުރަން ކުރީގެ ވެރިންނަށް ދައުލަތުން ފައިސާ ދޭން ނުޖެހޭ ކަމަށެވެ. އެހެންވެ ކުރީގެ ވެރިންނަށް ދޭ އިނާޔަތް ކަނޑާލަން ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެންބަރުންވެގެން ކަނޑާލަން މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"އެކަން އަޅުގަނޑުމެން ކުރާނަން. ގައުމު ފަސާދަކުރާކަށް އެ ބޭފުޅުންނަށް އަޅުގަނޑުމެން ފުރުސަތެއް ނުދޭނަން." އައިބީ ވިދާޅުވި އެވެ.

ނަމަވެސް ކުރީގެ ވެރިންގެ ބޭސް ފަރުވާ އަށް އެހީ ދިނުމަކީ އެންމެ ރަނގަޅު ގޮތެއް ކަމަށް ވިދާޅުވި އެވެ.

"އެހެންވީމަ ޕީއެންސީގެ ބޮޑު ފައުޖަށް މިރޭ ގޮވާލަން ކުރީގެ ވެރިންގެ ތެރެއިން ގައުމު ފަސާދަކުރާ. ގައުމަށް ގަސްތުގައި ގެއްލުންދޭ ވެރިންނަށް ދޭ އިނާޔަތްތައް ކަނޑާލަން." އައިބީ ވިދާޅުވި އެވެ.